ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ އިންތިހާބަށް ވެގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށްދާ ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބާ މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.
ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ، މިހާރުގެ ސަރުކާރުން އެކި ކަހަލަ ދަތިތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކާ އެކުވެސް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެމްޑީޕީން މިހާތަނަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާ ފަހަރަށް މިފަހަރު ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަހުރި ސަރުކާރުން ކުރިމަތިކުރުވާ ދަތިތައް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބަ އޮތް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެންމެ ގިނަ ގޮނޑި ނަގާ ފަހަރަކަށް މި ފަހަރު އެމްޑީޕީ ވެގެންދާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޕްރައިމަރީން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް، ޕާޓީގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. އަދި ޕާޓީގެ އެންމެ ބޮޑު އަމާޒަކީ އެކުވެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން ކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.




