ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ. އަދި، އެ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިންގ ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތަކާއި ވެހިކަލްތަކަށް ސްޕެއަރ ގެނައުމުން އެތަކެތި ބޮންޑު ކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތުގައި ބޭނުން ކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އައު އުޅަނދެއް އެތެރެ ކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާއުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީ ކޮށްދިނުމަށް އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި މަޝްވަރާ ކުރައްވާފައެވެ.

ޑްރައިވަރުން ވަނީ އެ ބޭފުޅުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *