ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ކުރިން ކަނޑައަޅާފައިވަނީ މިއަދުގައެވެ.
ނަމަވެސް އެކަމަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން އެޕްލިކޭޝަން ހުށަހަޅާނެކަމަށް ލަފާކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް 18 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވާލަން ނިންމީއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފައެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަަހައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ސްކީމަށް ފޯމު ހުށައެޅުމަށް ހުޅުވާލަން އެންމެ ފުރަތަމަ ނިންމީ، ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ފަހުން އެ މުއްދަތު ޖެނުއަރީ 15 ވަނަ ދުވަހަށް ފަސްކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނައުމަށެވެ.
އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ ފްލެޓާއި ގޯތި ދޫކުރާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އުސޫލަށް ގެނެވުނު މުހިންމު އެއް ބަދަލަކީ، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު ދިނުމެވެ. މީގެ އިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފައެވެ.
މިފަހަރުގެ ސްކީމުގައި މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކެޓަގަރީތަކެއް ވަނީ ހިމަނާފައެވެ. ހައުސިން މިނިސްޓްރީން އިލްތިމާސްކުރަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ހާލަތާ އެންމެ އެކަށީގެންވާ އެއް ކެޓަގަރީއަކުން ފޯމު ހުށައެޅުމަށެވެ. އަދި ފޯމު ހުށައެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވެސްބޔުނެފައިވެއެވެ.
މީގެ ކުރީގެ ސްކީމްތަކަށް ހުށައެޅުމުގައި އެންމެ ގިނަ ބަޔަކަށް މައްސަލަ ކުރިމަތިވީ މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމުގައެވެ. މިފަހަރުގެ އުސޫލުތައް ބުނާ ގޮތުންވެސް ފްލެޓް އަދި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ، 14 ޖެނުއަރީ 2026ގެ ނިޔަލަށެވެ. އަދި ހާއްސަ ހާލަތާ ގުޅިގެން މެދުކެނޑުމެއް އައިނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.




