ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީީގެ ޓިކެޓަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ މާދަމާ އޮންނައިރު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ޕާޓީގެ މެމްބަރުންނަށް ޚާއްސަ މެސެޖެއް ސޯޝަލް މީޑިއާ މެދުވެރި ކުރައްވައި މިއަދު ދެއްވައިފިއެވެ.
ޝާހިދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އެމްޑީީގެ މެމްބަރުންގެ ކިބައިން ފުރަތަމަވެސް އެދިވަޑައިގަތީ ހުރިހާ މެމްބަރުންވެސް ނުކުމެ ޕްރައިމަރީގެ ވޯޓުގައި ބައިވެރިވުމަށެވެ.
"ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އެދެނީ، އެމްޑީޕީގެ ހުރިހާ މެމްބަރުން ނުކުމެވަޑައިގެން މި ވޯޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް" ޝާހިދު ވިދާޅުވިއެވެ.
މެމްބަރުންގެ ކިބައިން ދެން ޝާހިދު އެދިވަޑައިގަތީ ޕްރައިމަރީގެ ވޯޓުގެ ކަންކަން އޮމާންކަމާއި ސުލްޙަވެރިކަމާއެކު ގެންގޮސް ދިނުމަށެވެ. އަދި ޕްރައިމަރީގެ ވޯޓަށް ފަހު، ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުންގެ ފަހަތަށް. ބަލިވި ކެންޑިޑޭޓުންނާއި ކެމްޕޭނުގައި އުޅުނު ހުރިހާ ޓީމުތަކެއްވެސް އަރައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށެވެ.
ޝާހިދު ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަލި ކުރުމަކީ މިވަގުތު ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރަކީ ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ މައްޗަށް ބިނާކޮށްފައިވާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުނުދީ، އެމްޑީީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ޝާހިދު އެދިވަޑައިގަތެވެ.
ކައުންސިލް އިންތިޚާބުގެ ޓިކެޓަށް ވާދަކުރާ އެމްޑީީގެ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ކެމްޕޭންގެ ފޯރިވެސް ވަނީ ގަދަވެފައެވެ. އެގޮތުން އެންމެ ބޮޑަށް ވާދަވެރިކޮށް ކުރިއަށްދާތަން ފެންނަނީ މާލޭގެ މޭޔަރު ކަމުގެ ކެމްޕޭނެވެ.
ކައުންސިލް އިންތިޚާބަށް އެމްޑީީގެ ޓިކެޓް ކަށަވަރު ކުރުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެނދުރު ފަހު 2:30 ން ރޭގަނޑު 8 ޖަހަންދެކަށެވެ.




