ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސަރުކާރުން ތައުލީމީ ރޮނގުން ދެމުން އަންނަ "ޒައިދު ސަސްޓެއިނިބިލިޓީ ޕްރައިޒް ގްލޯބަލް ހައި ސްކޫލްސް – ސައުތު އޭޝިއާ" އިނާމު ފ. އަތޮޅު ތައުލީ މަރުކަޒަށް ލިބިއްޖެއެވެ.
ފ. އަތޮޅުގެ ވެރިރަށް، ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީ މަރުކަޒަށް ލިބުނު މި އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހުޔާންގެ ނަންފުޅުގައި އެ ގައުމުގެ ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
މި އެވޯޑް ފ. އަތޮޅު ތައުލީ މަރުކަޒަށް ލިބުނީ އެ ސްކޫލްގެ ދަރިވަރުން އިސްނަގައިގެން ހިންގާ ތަފާތު ޕްރޮޖެކްޓުތަކުގެ ސަބަބުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އިރުގެ ހަކަތަ އާއި ވައިގެ ހަކަތަ ބޭނުންކުރުން
- ވާރޭފެން ރައްކާކުރުމާއި ފެން މެނޭޖު ކުރުން ހަރުދަނާ ކުރުން
- ދެމެހެއްޓެނިވި ދަނޑުވެރިކަމާއި ހައިޑްރޯޕޮނިކްސް ބޭނުން ކޮށްގެން ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުން
އެ ސްކޫލުން ވަނީ، އެ ސްކޫލާއި ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ސާފު ހަކަތާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ސަބަބުން އަހަރަކު 1،200 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓެއެވެ.
މީގެކުރިންވެސް މި އެވޯޑް ރާއްޖޭގެ ދެ ސްކޫލަކުން ހޯދާފައިވެއެވެ. އެއީ 2025 ވަނަ އަހަރު އައްޑޫ ހައި ސްކޫލެވެ. އަދި 2022 ވަނަ އަހަރު އައްޑޫ ހިރާ ސްކޫލެވެ.




