އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި 3/2026 ނަމްބަރު ދެންނެވުމުގައެވެ.
ރައީސް އޮފީހުން ވިދާޅުވީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައި ކަމަށް މަޖިލިހުގެ އިދާރާ އިން ވިދާޅުވިއެވެ.
މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް މިމަހުގެ 8 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާގައި ވޭތުވެދިޔަ ދެ އަހަރު ދުވަހު ސަރުކާރުން ހޯދި ކާމިޔާބީތައް ވަރަށް ތަފްސީލްކޮށް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި މަޖިލިހުގެ މެމްބަރުން ވެސް ރިޔާސީ ބަޔާނަށް އިންތިޒާރު ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.




