ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ކަމުގެ މަގާމުން އިއްޔެ ވަކިކުރި އަހްމަދު ޝަމާހް ރަޝީދުގެ ކޮރަޕްޝަން މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
ޝަމާހްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަން އެކޮމިޝަނުން ވަނީ ޔަގީންކޮށް ދީފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކޮށްފައިވާ މީހެއްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ގުޅޭ އެކަމުގެ ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ.
ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރު ކަމުން ޝަމާހު ވަކިކޮށްފައިވަނީ އިއްޔެއެވެ.
ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުން ބުނެފައެއްނުވެއެވެ.
މަގާމަށް އައްޔަން ކުރިތާ 4 މަސް ފަހުން ޝަމާހު މަގާމުން ވަކިކޮށްފައިވާއިރު އޭނާގެ އޯޑިއޯއެއް ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯގައި ދެމީހެއްގެ އަޑު އިވޭއިރު، އެކަކީ ޝަމާހް ކަމަށް ތުހުމަތުކުރެއެވެ. އެ އޯޑިއޯގައި ހާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ވާހަކަތަކެއް ދައްކާ އަޑުއިވެެވެ. ޝަމާހް ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފައެވެ.
ޝަމާހް މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މީސްމީޑިއާގައި އަމާޒުވެފައިވާއިރު، މީގެ ކުރިން މިފްކޯގެ ސީއީއޯ ކަމުގެ މަގާމު އަދާކުރަމުން ދަނިކޮށް، އޭރު ފެންމަތިވި ބައެއް މައްސަލަތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތަކުން އޭނާ ދުރުކޮށްފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ. ޝަމާހު މިފްކޯގައި ހުރި އިރު ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރާ މައްސަލަތަކެއްވެސް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.
ޝަމާހް މަގާމުން ވަކިކުރުމާއެކު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފައެވެ




