މިއަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމުގެ ބާއްވާ، މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރިއަރީ ކަމުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މަޖިލިސް އިދާރާއިން މިއަދު ބުނީ އެދުވަހު މަޖިލިސް މިއަހަރަށް ހުޅުމުގެ ޖަލްސާ ބާއްވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށެވެ.
މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.
މި ޖަލްސާގައި އޮންނާނީ ގާނޫނުއަސާސީގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވިފަހުން ދެއްވާ 3ވަނަ ރިޔާސީ ބަޔާނެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަން ވާނެއެވެ.
މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެއެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވާނެކަން މަޖިލީހުން ހާމަކުރައްވާފައިވާއިރު، މިއަހަރު ފެށުނު ފަހުން މަޖިލީހުގެ ދައުރުން ބޭރުން މިހާތަނަށް ވަނީ 2 ޖަލްސާއެއް ބާއްވާފައެެވެ.




