ޕީއެންސީގެ ރަސްމީ އޮފީސް ހުރި އިމާރާތުގެ ގޭގެ ވެރިފަރާތް ޖޫރިމަނާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތު ލިބުނުގޮތުގައި އެ އިމާރާތް ހުރި ގޭގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައި ވަނީ، އެ ތަން މިހާރު ހުރިގޮތަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ހެދުމުގެ ސަބަބުންނެވެ. އެގޮތުން ގަވައިދާ ޚިލާފަށް އިމާރާތް ކުރުމުގެ ސަބަބުން އެ ގޭގެ ވެރިފަރާތް ވަނީ 128،545 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން ގޭގެ ވެރިފަރާތަށް އަންގާފައި ވަނީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހަތް ދުވަހުގެ ތެރޭގައި އެ ކައުންސިލަށް ދައްކައި ޚަލާސް ކުރުމަށެވެ. ސިޓީ ކައުންސިލުން ޕީއެންސީ އޮފީހުގެ ގޭގެ ވެރިފަރާތް ޖޫރިމަނާ މިކުރީ އެ އޮފީސް ރަސްމީކޮށް ހުޅުވިތާ ދެދުވަސްވެސް ނުވަނީހެވެ. މި އޮފީސް ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތިން ބޮޑުތަކުރުފާނު މަގަށެވެ.




