ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ނިންމައި، 344 ޒުވާނަކު ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ނިންމައި، 344 ޒުވާނަކު ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ކުރިއަށްގެންދާ 1ވަނަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ބެޗުގެ ކިޔެވުން ނިންމައި 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު އިފްތިތާހުކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 1ވަނަ ދުވަހުއެވެ.

ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޚު ހުރި ރައްޔިތެއް ބިނާކުރުމަށް ފެއްޓެވި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންއަކީ ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކުވެސް ފުރިހަމަ ކުރަންޖެހޭ ތަމްރީނެކެވެ. އެގޮތުން، އެންމެ ފުރަތަމަ ތަމްރީނުތައް ނިންމައި 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ފުރަތަމަ ބުރުގެ ޓްރެއިނިންތައް ފެށީ 350 ދަރިވަރުންނާއެކުގައެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫނެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިން ނިންމި ދަރިވަރުންގެ ޝަރަފުގެ ހިނގާލުން ވަނީ ބާއްވާފައެވެ.

މި ޓްރޭނިންއަކީ 3 މަސްދުވަހުގެ ތަމްރީނެކެވެ. މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތަޢުލީމް، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދެއެވެ.

މީގެ އިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތް ތަޢާރަފް ކޮށްދިނުންވެސް މިތަމްރީނުގައި ހިމަނާފައިވެއެވެ.

ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރު ފެށުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ދެވަނަ ބުރުގައިވެސް 350 ބައިވެރިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާއިރު ދެވަނަ ބުރުގެ ޓްރެއިނިންތައް އަންނަ ޖެނުއަރީ މަހު ފެށޭނެ ކަމަށް ދިފާޢީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ސަރުކާރުން މިހާރު ރާވާފައިވާގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ގުނަވަނެއްގެ ގޮތުގައި ފަންނީ ތަމްރީން އިފްތިތާޙްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެބައިވެރިންނަށް ފުރުޞަތު ފަހިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *