ބޭރު ޤައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ދިވެހިން ރެޑް ނޯޓިސް ނެރެެގެން ކަމަށްވިޔަސް އަތުލައިގަންނާނަން

ބޭރު ޤައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ދިވެހިން ރެޑް ނޯޓިސް ނެރެެގެން ކަމަށްވިޔަސް އަތުލައިގަންނާނަން

ސަރަޙައްދީ ޤައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ތަހުޤީގުތަކުން ފާހަގަަކުރެވެމުންދާކަމަށް ދިވެހިން ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ފަހަކަށް އައިސް ސަރަޙައްދީ ޤައުމުތަކުގައި ދިވެހިން ޤާއިމްވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެއަރ ކާގޯއާއި ސީ ކާގޯ މެދުވެރިކޮށް އަދި އިލެކްޓިރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ސަރަޙައްދީ ޤައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ 3 ދިވެހިން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެ މީހުންގެ ތެރޭގައި ޖިނާޢީ އެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހުން ތިބިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުލުހުން އާންމު ކުރެއްވި ގޮތުގައި ތައިލޭންޑް އާއި މެލޭޝިއާ ފަދަ ޤައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުން އަންނަކަމަށް ފާހަގަކުރެވިފައިވާކަމަށެވެ.

ނާއިފް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ދިވެހިން ޤާއިމްވެ ތިބެގެން ޖިނާޢީ ކުށް ކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެމީހުން ރާއްޖެ ގެނެސްގެން އެމީހުންގެ މައްޗަށް ތަޙްޤީގު ހިންގާނެކަމަށެވެ. މީގެ އިތުރުން ބައެއް ފާރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްތާކުގެ އެހީ ހޯދާއިގެން އެމީހުން އަތުލައިގަތުމުގެ މަސައްކަތް ކުރައްވާކަށްވެސް އޭނާ ވިދާޅުވިއެވެ.

"އެކަން އެމަގުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ޤާނޫނުގެ ތެރެއިން އަވައްޓެރި ޤައުމުތަކާއި ދުނިޔޭގެ އެކި ޤައުމުތަކާ އެއްކޮށް މިދަނީ ތަޙްޤީގު ތެރެއިން ފުޅާ މަސައްކަތްތަކެއް ކުރަމުން."ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސްކޫލް ނިންމާފައި ތިބި ކުދިންގެ ތެރެއިން ވަޒީފާއަކަށް ނުގޮސް ތިބި ކުދިންނަށް އަމާޒުކޮށްގެން ސޯޝަލް މީޑީިއާގެ އެކި ގްރޫޕްތަކުގައި މަސްތުވާތަކެތީގެ އެކި މުޢާމަލާތް ކުރުމަށް ދަޢުވަތު ދެމުން އަންނަކަން ފާހަގަކުރެވިފައިވާކަން ހާމަކުރައްވާފައެވެ. މިކަމަކީ ބެލެނިވެރިން ސަމާލުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ފުލުހުން ވަނީ ފުލުހުންގެ ސައިބަރ ސެންޓަރާ ގުޅިގެން މިކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކާއި ތަޙްޤީގުކުރަމުންދާ މައްސަލަތަކުގެ ތަފާސް ހިސާބުތައްވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން 648 މައްސަލައެއް ތަޙޤޤީގުކުރަމުން އަންނައިރު ދަޢުވާ ކުރުމަށް 335 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މަސްތުވާތެކެތި ބޭނުންކުރުމާއި މުޢާމަތާ ްކުރުމުގެ 53 މައްސަލައެއް ހިމެނެއެވެ.

މީގެ އިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގެންގުޅުމާއި ބޭނުން ކުރުންމުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުން 135 މައްސަލައެއް އަންނަނީ ތަޙްޤީގުކުރަމުންނެވެ. ފުލުހުން ވިދާޅުވީ ދާއުވާ އުފުލުމަށް ފޮނުވާފައިނުވާ ގިނަ މައްސަލަތަކަކީ އެމީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އުފުލުމަށް ހެއްކާ ގަރީނާ ހުރިނަމަވެސް އެމީހުންގެ އިތުރު މައްސަލަތަކެއް ޑްރަގް ކޯޓުގައި ކުރިއަށްދާތީ އިތުރު މައްސަލަތައް ވެއްދުމުގެ އިހްތިސާސް ނެތުމުންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *