ރާއްޖޭގެ ރިސޯޓު ތަކުގައި އުޅޭ ޒުވާނުންނަށް އެމީހުން ވަޒީފާ އަދާކުރާ ރަށާއި އަމިއްލަ ރަށާއި ކަރިރިން ބޯހިޔާވަހިކަން ހޯދައިދޭން އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ދެދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ޒުވާނުން ކުރިއަރައި ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ނުލިބުން ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްޞަ ކޮށްގެން، އެ ޒުވާނުންގެ އަމިއްލަ ރަށާއި ރިސޯޓުތަކާއި ކައިރިން ބޮޑެތި އާބާދީ ތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
އެގޮތުން ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސް ކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކިއެކި ސަރަހައްދު ތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ މަހެއްހާ ދުވަސް ކުރިން 800 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް އެކި ރަށްރަށުގައި ހަވާލު ކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައިވެސް، ޒުވާނުންނަށާއި ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ، އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކި އިންސައްތައެއް ޚާއްޞަ ކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
އަދި މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ތަކުންވެސް ޒުވާނުންނަށާއި އަލަށް ކައިވެނިކޮށް ވަކި ދިރިއުޅުމެއް ފަށާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމުގައިވެސް ވިދާޅުވިއެވެ.





