ވިއްކާލާފައި ވަނިކޮށް ހޯދި އިންޖީނު

1 ލައްކަ 40 ހާސް ރުފިޔާގެ އިންޖީނެއް ވަގަށްނަގައި، ބާދަނގަޑުގެ ގޮތުގައި 1 ހާސް ރުފިޔާއަށް ވިއްކާލައިފި

1 ލައްކަ 40 ހާސް ރުފިޔާގެ އިންޖީނެއް ވަގަށްނަގައި، ބާދަނގަޑުގެ ގޮތުގައި 1 ހާސް ރުފިޔާއަށް ވިއްކާލައިފި

ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް އެންމެ ހާހެއްހާ ރުފިޔާއަށް ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައި އެ އިންޖީނު އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ހުޅުމާލެ  ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ވަނީ ހޯދާފައެވެ.

ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަހުގީގަށް  ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސް ކުރުމުގެ ތެރޭގައެވެ. އެތަން ބަލައި ފާސްކުރިއިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވެއެވެ. އަދި ވަގަށް ނަގާފައިވާ އިންޖީނު ފެނުނުއިރު އޭތިވަނީ ބާދަނގަޑުގެ ގޮތުގައި ނުއަގުގަައި އެންމެ 1083 ރުފިޔާއަށް ވިއްކާލާފާފައެވެ. އިންޖީނު މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވެއެވެ. އަދި މިމައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ، ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކުރާ މުދާތައް ގިނަ ފަހަރަށް ހޯދާއިރު، އެތަކެތި ނުއަގުގައި އެހެން ފަރާތްތަކަށް ވިއްކާލާފައި ހުންނަކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ.  އެހެންކަމުން މިފަދަ މުދާ ގަންނަ ފަރާތްތަކުން އެ މުދަލަކީ ވިއްކާމީހާ ކިހިނެތް ހޯދި މުދާކަން ކަށަވަރުކޮށް، އެ މުދަލެއް ވިއްކި ފަރާތުގެ ފުރިހަމަ މައުލޫމާތު ސާފުކުރުމާއި އެތަކެއްޗަކީ ވަގަށް ނަގައިގެން ވިއްކާ މުދަލެއް ނޫންކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މުދާ ގަތުމުގެ ކުރިން އެ މުދަލަކީ ވައްކަން ކޮށްގެން ހޯދާފައިވާ މުދާ ނޫންކަން ކަށަވަރުކުރުމަކީ ގަންނަފަރާތުގެ ޒިންމާއެއްކަމަށްވާއިރު، އެފަދަ މުއާމަލާތްތައް ހިންގުމުގައި ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޅަވަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *