ރާއްޖޭގެ ދަރިވަރުންނަށް އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފޮތްތަކުން އިތުރު ފިލާވަޅުތަކެއް ދިނުމަށް މިސްކިތްތަކުގެ ވަގުތު ބޭނުންކުރުމުގައި އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަމާ ގުޅިގެން މީސްމީޑިއާ ބޭނުން ކުރާ މީހުންގެ ހިޔާލަކީ ކޮބާތޯ އައްސަވާފައެވެ.
ޝަހީމުގެ މި ޕޯސްޓްގައި ވަނީ 8 ވަނަ ގްރޭޑުން ފެށިގެން 12 ވަނަ ގްރޭޑަށް، އިސްލާމް މާއްދާގެ ފޮތްތަކަށް ހާއްސަކޮށްގެން، މިސްކިތްތަކުގައި ހަފްތާއަކު ދެ ދުވަހު، ދެ ނަމާދު ދޭތެރޭގައި ހިލޭ ޓިއުޝަން ދިނުމުގެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭ ގޮތުން ޚިޔާލު ފާޅު ކުރައްވައިފައެވެ.
މީސްމީޑިއާގައި މީހުންގެ ހިޔާލުވެސް ހުރީ އެކަން ކުރުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައެވެ. އަދި މިހާރު އިސްލާމް ޓިއުޝަން ނަގަން ގިނަ ފައިސާތަކެއް ހޭދަވާ ކަމަށް ބައެއް ބެލެނިވެރިން ބުނެފައިވެއެވެ. އެހެން އެ ކަމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ބުނެފައިވެއެވެ.
އަދުގެ ސަރުކަރުން ދަނީ ދީނީ ކަންތައްތަކަށް ދިވެހި ޒުވާނުން އަހުލުވެރިކޮށް ހޭލުންތެރި ކުރުމަށާއި، އިސްލާމް ދީނަށް ލޯބި ޖެއްސުމަށް ގިނަގުނަ މަސައްކަތްތަށް ކުރަމުންނެވެ. އެގޮތުން ޒުވާން ހިތާބުން ތަމްރީނު ކުރުމާއެކު، އިމާމުވެ ނަމާދު ކުރުމާއި، ހުތުބާ ކިޔުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.





