އިރުވައި މޫސުން މިއަހަރު ރާއްޖެއަށް އަވަހަށް ފެށިފައިވާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާކަމަށް މޫސުމީ އިދާރާތަކުން އާންމުކޮށްފައިވާ މައުލޫމާތުން އެނގިއްޖެއެވެ.
މެޓުން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ އިރުވައި މޫސުން ފެށިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.
މިދިޔަ އަހަރުގެ އިރުވައި މޫސުން ފެށުނީ ވަރަށް ލަހުން ކަމަށާއި އިރުވައި މޫސުން ފެށުނީ އެ އަހަރު ނިމި، މި އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުކަމަށް މެޓުން ބުްޏެވެ.
މެޓުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އެއީ ރާއްޖެއަށް އިރުވައި މޫސުން އެންމެ ލަހުން ފެށުނު ފަހަރެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށުނު ކަމަށް މެޓް އޮފީހުން ނިންމަނީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހުން އަދި އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމުންނެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.
އިރުވައި މޫސުން ފެށި، އޭގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގައި، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ފަށަ އެވެ. އަދި ޖެނުއަރީ މަހު މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށެ އެވެ.
ރާއްޖޭގެ ނަކަތް ކަލަންޑަރުގައިވާ ގޮތުގައި، މިއީ އިރުވައިގެ މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ މުލަ ނަކަތުން 9 ވަނަ ދުވަހެވެ.





