ކ. ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:21 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި އެ މީހާއަކީ ކާކުކަން މިހާރު ވަނީ ދެނެގަނެވިފައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.





