ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން 1 ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތަކަށްވެސް މީގެފަހުން ހައުސިންގ ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މީގެކުރީގެ ހައުސިންގ ސްކީމަކުން، 1 ކޮޓަރީގެ އެޕާޓަމަންޓް ލިބިފައިވާ ފަރާތެއް ނަމަ މިހާރު އޮންނަ ގޮތުން އިތުރު ސްކީމަކަށް ކުރިމަތި ނުލެވޭކަމަށެވެ. އަދި މިއީ ވަރަށް ގިނަ ބައެއްގަ ކަންބޮޑުވުމަކަށްވުމުން އެކަން ސަރުކާރުން މިހާރު ބަދަލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
""3 ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި." ރައީސް ވިދާޅުވިއެވެ.
އާއިލާގެ މެމްބަރުން އިތުރުވެ، އެއް ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅެން ދަތިވި ނަމަވެސް، ހައުސިންގ ސްކީމްތަކަށް ޝަރަތު ހަމަނުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.




