ބޮޑު އެއާޕޯޓެއް ހުޅުވައިފި، އެކަމަކު އެތަނަށް "ދޮންދޫނި ގަނޑެއް" ގެނެވޭވަރަށްވެސް މަސައްކަތެއް ނުކުރޭ: ފިރާގު

ބޮޑު އެއާޕޯޓެއް ހުޅުވައިފި، އެކަމަކު އެތަނަށް "ދޮންދޫނި ގަނޑެއް" ގެނެވޭވަރަށްވެސް މަސައްކަތެއް ނުކުރޭ: ފިރާގު

ދާދިފަހުން ރާއްޖޭގައި ބޮޑު އެއާޕޯޓެއް ހުޅުވާފައި ވިޔަސް، އެތަނަށް "ދޮންދޫނި ގަނޑެއް" ގެނެވޭ ވަރަށްވެސް މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ފިރާގު ސޯޝަލް މީޑިއާގައި ވިދާޅުވީ، އެފަދަ ވާހަކަ ދެއްކެވެނީ "ހިތުގަ ޖެހޭތީ" ކަމަށެވެ.

"ދާދި މިދާކަށް ދުވަހު ބޮޑު އެއާޕޯޓެއް އެވަނީ ހުޅުވައިފައެވެ.  ބެލެވޭ ގޮތުގައި އަދި ދޮންދޫނި ގަޑެއް ހައިހިސާބު ގެނެވުމަކަށް ކުޑަވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ހަމަ ހިތުގަ ޖެހޭތީ މިވާހަކަ ދެއްކެނީ އެވެ." ފިރާގު ވިދާޅުވިއެވެ.

ފިރާގު އިތުރަށް ވިދާޅުވި ގޮތުގައި، ކޮންމެހެން ބޭނުންނުވާ ކަންކަމުން ސަމާލުކަން ހޯދުމަށްވުރެން ދެމެހެއްޓެނިވި ކުރިއެރުމަކަށް ގައުމު މަގު ދައްކައިދިނުމުގެ ޒިންމާ ލީޑަރުންގެ ގޮތުގައި ތިބި ބޭފުޅުން ނަގަންޖެހޭނެއެވެ.

އަޅުގަނޑުމެންގެ ދައުލަތުގެ ވިޔަފާރިތަކުން ޤައުމީ ތަރައްޤީއަށް އެހީތެރިވުމަށްޓަކައި ވަރުގަދަ އާމްދަނީއެއް ހޯދަންޖެހޭ ނަމަވެސް، ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، ގިނަ ކުންފުނިތަކުން މާބޮޑު ކުރިއެރުމެއް ނުލިބެއެވެ." އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ، ކުންފުނިތަކުގެ ވެރިންގެ ގޮތުގައި  ތިބި ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން، ސްޓްރެޓެޖިކް ފޯކަސް އާއި ރަނގަޅު މެނޭޖްމަންޓެއް ހިންގަންޖެހެއެވެ. މުހިންމު ޤައުމީ އެސެޓްތައް ތަރައްޤީކޮށް، ޒަމާނީކޮށް، އެންމެ ފައިދާ ބޮޑުކުރަން ޖެހެއެވެ.

"އެސްއޯއީތައް ހަރުދަނާ ކުރުމަކީ ހަމައެކަނި ފައިދާއެއް ނޫނެވެ. އެއީ ދިގުމުއްދަތުގެ ހަމަޖެހުން ކަށަވަރުކުރުމާއި، ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި، ގައުމުގެ ޖުމްލަ އިގްތިސާދީ ކެތްތެރިކަން އިތުރު ކުރުމެވެ." ފިރާގު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *