އިންޑިއާގެ އެހީތެރިކަމާއެކު ކަނޑުގެ ސިފައިންގެ އޮޕަރޭޝަނެއް ފަށަން މަޝްވަރާ ކޮށްފި
އިންޑީއާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު ކަނޑު މަތީގެ އޮޕަރޭޝަނެއް ފަށަން ރާއްޖޭގެ އަސްކަރިއްޔާއިން އިންޑިއާއެކު މަޝްވަރާ ކޮށްފިއެވެ.
ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާއެކު މަޝްވަރާ ކުރެއްވީ، މެރިޓައިމް ސެކިއުރިޓީ އާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް ހައްލު ކުރުމުގައި ދެ ގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތް ކުރުމާއިބެހޭ ގޮތުން ކަމަށެވެ.
ދެ ގައުމުން މި މަޝްވަރާ ކުރިއަށް ގެންދިއައީ، އިންޑިއާ އާއި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނު "އެކަތަ" ގެ ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި، އެ ގައުމުގެ ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ދަ ނޭވަލް ސްޓާފް ވައިސް އެޑްމިރަލް ތަރޫން ސޮބްޓީ އާއި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ބައްދަލު ކުރައްވައެވެ. މި ރަސްމިއްޔާތު އޮތީ މިހާރު ރާއްޖެ އައިސް އޮތް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު އައިއެންއެސް ޝާރްދާގައެވެ.
އިންޑިއާއަކީ އަބަދުވެސް އަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރާއްޖެއަށް ޒަމާނުއްސުރެ ވަރަށް ބޮޑެތި އެހީތަކެއް ވަމުން އަންނަ އަވައްޓެރި ގައުމެކެވެ.





