މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގު ކަމަށާއި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ރޭ، ރ. ދުވާފަރުގައި ބޭއްވި، ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހުޅުމާލޭގައި ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، ދާދި އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަކީ ޙަޤީޤީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. މަސްވެރިކަމަކީ ދިވެހީންގެ ޝަޚުސިއްޔަތާއި ޤައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާޢަތެއްކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، 6 ދާއިރާ އަކުން ކަނޑައަޅުއްވާފައިވާ 6 ސިޔާސަތެއްގެ މައްޗަށް ބިނާ ކުރައްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
މިގޮތަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މާދަމާއިން ފެށިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޯޕަރޭޝަން (މިފްކޯ) އިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ މާދަމާއިން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯލްޑް ސްޓޯރޭޖް އިތުރު ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނެ ދުވަސް ކަމަށް ވިދާޅުވެ، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑި ފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަން ކުރައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާޢަތް ނަގާ ކޮޅަށް ޖެހުމަށް ވޭތުވެ ދިޔަ ދެ އަހަރު ކުރެވިފައިވާ މަސައްކަތްތަކަކީ މިއަދު ތަފާސް ހިސާބު ތަކުން ފެންނާން ހުރި ޙަޤީޤަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސިނާޢަތް ކުރިއެރުވުމަކީ ފަރުދީ އަދި ޖަމަޢީ ތަރައްޤީއަށް ކުރެވޭ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ޤައުމީ ވިސްނުމާ ދެކޮޅު ސިޔާސީ އޮއިވަރުގައި ނުޖެހި، އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.





