އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ހަތް ހާހަށްވުރެ އޮފިޝަލުން ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އޮފިޝަލުން ހޯދުމަށް ކޮށްފައިވާ އިއުލާނެއްގައި ބުނީ، ވޯޓުލާ މަރުކަޒު ތަކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށެވެ. ހުށަހަޅަން ޖެހެނީ އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިންނެވެ.
ކައުންސިލް އިންތިޚާބު އޮންނާނެ ދުވަސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިއުލާނު ކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. މީގެކުރިން ލަފާ ކުރާ ތާރީޚް ތަކެއް ކޮމިޝަނުން ދިން ނަމަވެސް ރަސްމީކޮށް ތާރީޚް އިއުލާނު ކުރީ މިއަދުއެވެ.
ކައުންސިލް އިންތިޚާބާއެކު އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުވެސް ބާއްވާނެއެވެ. އެގޮތުން ޖުމްލަ 226 ދާއިރާއަކުން ކައުންސިލާއި އަންހެނުންގެ ކޮމިޓީ ތަކަށް އިންތިޚާބު ކުރަން ވަނީ ނިންމާފައެވެ.





