ރާއްޖޭގައި ކުރިން ވެރިކަން ކުރައްވާފައިވާ ރައީސުންނަށް، އެބޭފުޅުން އޮފީސް ހިންގުމުގެ ޚަރަދަށް ދައުލަތުން ދެމުން އައި 175،000 ރުފިޔާ އާއި އޮފީސް ހިންގުމާއި ގުޅޭ އިތުރު އިނާޔަތްތައްވެސް ކަނޑާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބިލަށް ވޯޓަށް އަހައި މިއަދު ފާސްކުރީ 68 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުން މިއަދު ފާސްކުރި ގޮތުން ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހުރިހާ ޚަރަދެއް ކަނޑާލާނެއެވެ. އަދި ކުރީގެ އެއްވެސް ރައީސަކު، ދައުލަތުގެ އިތުރު މަގާމެއް އަދާކުރައްވާ ނަމަ، ކުރީގެ ރައީސުންނަށް ދެމުން އަންނަ އެއްވެސް އިނާޔަތް ލިބިވަޑައިނުގަންނަވާ ނުގަންނަވާނެއެވެ. އަދި ކުރީގެ އެއްވެސް ރައީސަކު ދެވަނަ ފަހަރަށް ރައީސް ކަމަށް އިންތިޚާބު ވިޔަސް ކުރީގެ ރައީސްގެ ހުރިހާ އިނާޔަތެއް ކަނޑާލެވޭނެއެވެ.
މީގެއިތުރުން ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާނަމަ، ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ނުދޭގޮތަށްވެސް ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެނބުރި ރާއްޖެ ވަޑައިގެންފިނަމަ އެ ޚިދުމަތްތަކާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެއެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިވަގުތު ދައުލަތުގެ މަގާމެއްގައި ހުންނެވީ ހަމައެކަނި ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު ކަމުގެ މަގާމުގައެވެ.
ކުރީގެ ރައީސުންގެ ގޮތުގައި މި ގާނޫނު އައިފަހުން ތިއްބެވީ، ރައީސް މައުމޫން އަބްދުލްގަތްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.






