ކުރިޔަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ނުވާނެ ކަމަށާއި، އިންތިޚާބުގައި ރައީސް މުއިއްޒު ދާނީ ތިންވަނައަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ރަށްރަށުން މީހުން މާލެ ގެނެސް ދިދަ ހޫރާ ހެދިޔަސް އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުވުން ނޫން ކަމަށާއި އެއީ ޝޯއެއް ކަމަށެވެ.
"ކިތަންމެ މަންޒަރެއް ދެއްކިޔަސް، މީހުންނަށް ފައިސާ، ރަށްރަށަށް ފޮނުވައިގެން މީހުން މާލެގެނެސްހަދާ، ދިދަ ހޫރާ އަތްތިލަބަޑި ޖައްސާ ހެއްޖަސް، މިއީ އޮޕްޓިކްސް. މިއަކުންވާނެ އެއްވެސް ކަމެއް ނޯންނާނެ. މީހަމަ ތަމްސީލު ޝޯއެއް އިނގޭތޯ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އިންތިޚާބާ ހަމައަށް އިސް ވޯޓު ލުމުން ރައީސް މުއިއްޒު ފެންނާނީ ތިންވަނައިގައި އިންނަވާ ތަން ކަމަށެވެ.
"އިންތިޚާބާ ހަމައަށް އައިސް ވާދަކުރީމަ އެނގޭނީ. ވޯޓު ފޮށި، 2028 ވަނަ އަހަރު، މުއިއްޒު އިންނާނީ ތިންވަނައިގަ އިނގޭތޯ. މީ އަޅުގަނޑުގެ އަންދާޒާއަކީ." އުމަރު ވިދާޅުވިއެވެ.






