ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވަހި ކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" އިފްތިތާހު ކޮށްފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތެއްގައި ބޯހިޔާވަހި ކަމުގެ ސިޔާސަތު އިފްތިތާހު ކޮށްދެއްވީ ގެދޮރުވެރިކަމާބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބެވެ.
މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީން ބުނީ މި ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓްތަކަށް އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރެއިންނެވެ.
މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ މީގެކުރިން، މާލެ ސަރަހައްދުގައި ލަގްޒަރީ ފްލެޓްތައް އެޅިނަމަވެސް، އެ ފްލެޓްތައް ލިބެނީ މަދު ބަޔަކަށް ކަމަށާއި، ނަމަވެސް އާ ސިޔާސަތުގެ ދަށުން އެންމެންނަށްވެސް ފްލެޓް ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މީގެކުރިން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ނުލިބި އޮތުމުން ދޭހަވަނީ ގިނަބަޔަކަށް މި ކަމުގައި އިހުމާލު ވެފައިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
ބޯހިޔާވަހި ކަމުގެ މި ސްކީމްގެ ދަށުން ހިންގާ ފުރަތަމަ ހައުސިން މަޝްރޫއު ހިންގަން ބީއެމްއެލްއިން ވަނީ ނިންމައިފަ އެވެ. ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގައި ހުޅުމާލެ 1 އާއި 3 އަދި ވިލިމާލޭގައި ޖުމްލަ 3،000 ފްލެޓް އަޅަން ވެސް ނިންމާފައިވެއެވެ. އެ ފްލެޓް އަޅަން ބޭނުންވާ ބިންވެސް ސަރުކާރުން މިހާރު ވަނީ ބީއެމްއެލްއާ ހަވާލުކޮށްފަ އެވެ.






