މިނިސްޓަރު ފެންވަރުގައި ޖަޕާނުގެ ސަފީރު ކަމަށް މަހްލޫފް އައްޔަން ކުރަނީ

މިނިސްޓަރު ފެންވަރުގައި ޖަޕާނުގެ ސަފީރު ކަމަށް މަހްލޫފް އައްޔަން ކުރަނީ

ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް، ވެރިކަންކުރާ ޕީއެންސީއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ސޮއި ކުރެއްވި، ކުރީ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މްހަލޫފް އައްޔަން ކުރަން ސަރުކާރުން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާ ހިސާބަށް ގޮސްފައިވާ ކަމަށް މާލެ ޓައިމްސްއަށް އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ލިބިއްޖެއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލެއްގެ ފަރާތުން "މާލެ ޓައިމްސް" އަށް މައުލޫމާތު ލިބުނު ގޮތުގައި، އެމްޑީޕީ އިން ވަކިވެ، މިދިޔަ ހުކުރު ދުވަހުގެ ރޭ އޮތް ޕީއެންސީގެ ޖަލްސާގައި އެ ޕާޓީއަށް ސޮއި ކުރެއްވި މަހްލޫފް، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި ރަސްމީކޮށް ފުރަތަމަ ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތެއް މިހާރު ވަނީ ކުރެވިފައެވެ. އެގޮތުން އެމްޑީީޕީ އިން މަހްލޫފް ވަކިވި ދުވަހު ރަސްމީ ސިފައެއްގައި ފޮރިން މިނިސްޓްރީން އެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓްރީގެ އޮފިޝަލު މައުލޫމާތު ދެއްވިއެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރު ދާދިފަހުން އަވަހާރަވުމާއި ގުޅިގެންނެވެ. މަރްހޫމް ސޯބިގެ ޖާގައަށް، ސަފީރު ކަމަށް މަހްލޫފް އައްޔަން ކުރައްވަނީ މިނިސްޓަރު ފެންވަރުގައެވެ. އާންމު ގޮތެއްގައި ސަފީރުންގެ ގޮތުގައި އައްޔަން ކުރައްވަނީ މިނިސްޓަރުންގެ ފެންވަރާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރާއި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.

ޖަޕާނުގައި ހުންނަވާ ސަފީރު ކަމަށް މަހްލޫފް އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ވަރަށް އަވަހަށް މަހްލޫފްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވުމަށްވެސް ވަނީ ތައްޔާރު ވެފައެވެ. މި ވަގުތު ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަން ހިންގަވަނީ ޑެޕިއުޓީ ހައިކޮމިޝަނަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *