ސަރުކާރުން އަންނަ އަހަރަށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުން ވާވެއްދުމަށް ހުށަހަޅާފައިވާ ބަޖެޓެއް ކަަމަށް އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޒާކިރު ވިދާޅުވީ، ތަރައްގީގެ މައުލޫމާތުތައް ހިމަނައިގެން ސާފު ބަހުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަނީ ކަންކަން ހިނގާނެ ގޮތް ރައްޔިތުންނަށް ކޮންމެސް ވަރަކަށް އެނގި ވިޔަފާރިތަކާއި ކަންކަން ބައްޓަން ކުރަން ފަސޭހަ ކުރުމަށް ކަމަށެވެ.
ނަމަވެސް ގާނޫނު އަސާސީގައި ބުނާ ހަމަ ގެއްލުވާލައި މި ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހަޅަނީ ހަމައެއްނެތް އަދަދު ތަކެއް ހުށަހަޅާ އެއްޗެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
"ތަފްސީލެއް ނެތި 100 މިލިޔަން ކަމުގައި ޖަހައިގެން ބަޖެޓް އެހުށަހެޅުމެކޭ، މިހާރު ހުށަޅާ ގޮތަށް ހުށަހެޅުމެކޭ ވާނީ އެއްގޮތް،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ އަންނަ 2026 ވަނަ އަހަރަށް ސަރުކާރުން 64 ބިލިޔަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައްޔިތުން ބޭނުންވާ މަޝްރޫއު ތަކުގެ ތަފްސީލްތައް ހިމަނާފައިނުވާ ކަމަށެވެ.
އެހެން ކަމުން އެއީ ރޭވުންތެރިކަމެއް، ސިޔާސަތެއް ނެތް، ބޯގޯސް ރައްޔިތުން ވާވެއްދުމަށް ހުށަހަޅާފައިވާ މަލާމާތުގެ ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ






