ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙު ގެނައި ބިލާއި ޓްރޭޑްމާކް ބިލު ތަސްދީގު ކުރައްވައިފި

ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙު ގެނައި ބިލާއި ޓްރޭޑްމާކް ބިލު ތަސްދީގު ކުރައްވައިފި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ޓްރޭޑްމާކް ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤު ކުރައްވައިފިއެވެ.

މީގެތެރެއިން ޓްރޭޑްމާކް ބިލަކީ، 2025 ނޮވެމްބަރ 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާއި ގުޅޭ ނިޒާމެއް ޤާއިމްކޮށް، ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅި، ރަޖިސްޓްރީކުރެވޭ ޓްރޭޑްމާރކާ ގުޅިގެން ޓްރޭޑްމާރކްގެ ވެރިފަރާތްތަކަށް ލިބިދޭ ޙައްޤުތަކުގެ ދާއިރާ ބަޔާންކުރެވި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔާންކުރުމާއި އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކޮށްދީފައިވެއެވެ.

ރަޖިސްޓްރީ ކޮށްފައިވާ ޓްރޭޑްމާރކެއްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭނެ ޤާނޫނީ ފިޔަވަޅުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ޙާލަތެއްގައި އެޅޭ މަދަނީ ފިޔަވަޅުތަކާއި، ޓްރޭޑްމާރކްގެ ޙައްޤަކަށް އަރައިގަންނަ ކަމަށް ޝައްކުކުރެވޭ މުދަލެއް އިމްޕޯޓްކުރެވޭ ޙާލަތުގައި އެޅޭނެ ފިޔަވަޅުތަކާއި، މާރކް ކައުންޓަރފީޓްކުރުމުގެ ކުށާއި އަދަބުތައް މި ބިލުގައި ބަޔާންކޮށް، ކޯޓުތަކާއި ތަންފީޒީ އިދާރާތަކުގެ ދައުރު ބަޔާންކޮށްފައިވެއެވެ.

މި ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމާރކްތައް، މި ބިލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް ލާޒިމްކޮށްފައިވެއެވެ. އަދި، ބިލުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 12 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަކީ،  2025 ނޮވެންބަރު 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރެވި، ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ޤާނޫނުގައި ކަނޑައެޅި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްޞީލުކުރެވި، ފަނޑިޔާރުން ޢައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ޙަވާލުކުރުމުގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް މުރާޖަޢާކުރުމުގެ އިތުރުން، ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ގެނެވިގެންދާނެއެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *