ޝާހިދު، ދާދިފަހުން ފުވައްމުލަކަށް ވަޑައިގެންނެވި ދަތުރުފުޅެއްގެ ތެރެއިން

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ނުލިބި އަސާސީ ހައްގަކުން މަހުރޫމްވީ ސަރުކާރުގެ ނާގާބިލު ކަމުން: ޝާހިދު

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ނުލިބި އަސާސީ ހައްގަކުން މަހުރޫމްވީ ސަރުކާރުގެ ނާގާބިލު ކަމުން: ޝާހިދު

ފުވައްމުލަކު ސިޓީގެ ރައްޔިތުން ސާފު ބޯފެން ލިބުމުގެ އަސާސީ ހައްގުން މަހުރޫމް ވެފައިވަނީ ސަރުކާރުގެ ނާގާބިލު ކަމުގެ ސަބަބުން ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުވައްމުލަކުގައި ސަޕްލައި ފެނުގައި މައްސަލަތަކެއް ހުރިކަން އެނގޭތާ އެތައް ދުވަހެއް ވެފައިވާއިރުވެސް، އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ފެނަކަ ކޯޕަރޭޝަން ވަނީ ނުކުޅެދިފައި ކަމަށެވެ.

ފުވައްމުލަކު ރައްޔިތުންނަށް ބޯފެން ނުލިބުމަކީ އަސާސީ ހައްގަކުން މަހުރޫމުވުން ކަމަށާއި، މި ސަރުކާރަކީ ދެއްކުންތެރިކަން އިސްކުރާ ނާގާބިލް ސަރުކާރެއްކަން މިއަންނަނީ ފަޅާ އަރަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، ފުވައްމުލަކުގެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އެމީހުންގެ އަސާސީ ހައްގަކުން މަހުރޫމުވެފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފުވައްމުލަކާއި އަދި އެހެން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައިވެސް ކެނޑިނޭޅި މިފަދަ މައްސަލަތައް އިތުރުވެ، ފުނިޖެހެމުން ދާއިރު ސަރުކާރު މިއޮތީ ނިދާފައިތޯ ޝާހިދު ސުވާލު އުފެއްދެވިއެވެ.

"ފުވައްމުލަކުުގެ ގޭބިސީ  ތަކުގައި ދިރިއުޅޭ ރައްޔިތުން އެވަނީ އަަސާސީ ޙައްޤަކުން މަހުރޫމު ކުރެވިފައެވެ.  ރައްޔިތުގެ އަސާސީ ޙައްޤުތައް ރައްކާތެރި ކުރުމާއި، ޚިދުމަތް ފޯރުކޮށް ދިނުމުގައި  ސަރުކާރު މިވަނީ ފެއިލް ވެފައެވެ.  ދެއްކުންތެރިކަން  އިސްކުރާ  ނާޤާބިލް ސަރުކާރެއްކަން މި އަންނަނީ ފަޅާ އަރަމުންނެވެ. ފުވައްމުލަކާއި އަދި އެހެން ރަށްތަކާއި އަތޮޅުތަކާއި ސިޓީ ތަކުގައިވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުން ދާއިރު ސަރުކާރު މިއޮތީ ނިދާފައިތޯއެވެ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ފުވައްމަލުގައި ހުންނަ ފެނަކަ އޮފީހުން ދޫކުރަމުން އަންނަ  ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ވަރު ވުމުން މުޅި ރަށުން ފެން ކަނޑާލައި، މިހާރު ދަނީ ފެނުގެ ނެޓްވޯކް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.  ފުވައްމުލަކު ފެނަކަ އޮފީހުން ބުނެފައި ވަނީ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން ކަނޑާލީ އެ ނެޓްވޯކު ސާފު ކުރުމަށް ހައި ޑޯޒެއްގެ ކްލޮރިން އެޅުމަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *