ހަނިމާދޫ ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރޭ ހުޅުވިގެން ދިޔުމާއެކު، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީގެ ވެރިޔާ، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގުގެ ޝުކުރު މި ބިޔަ މަޝްރޫއު ރާއްޖޭގައި ހިންގައިދިން އަވައްޓެރި އިންޑިއާ އާއި އެ މަޝްރޫއު އޭރު ފަށައިދިން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި، ސަރުކާރު ބަދަލުވިއިރު، ނުނިމިހުރި މަސައްކަތް ނިންމައި ވައިގެ ބަނދަރު ހުޅުވައިދިނުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށްވެސް އަދާކުރައްވައިފިއެވެ.
ރޭ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތާއި ދިމާކޮށް ސޯޝަލް މީޑިއާގައި ފިރާގުގެ ޝުކުރު މި ތިން ފަރާތަށް އަދާކުރެއްވުން ގިނަބަޔަކު ފާހަގަ ކޮށްފައި ވަނީ ވަރަށް އިންސާފުވެރި ޝުކުރެއް ކަމަށެވެ. ފިރާގު ވިދާޅުވީ، ރާއްޖެއަށާއި މި ސަރަހައްދަށްވެސް ގިނަ ފައިދާތަކެއް ކުރާނެ މިވަރުގެ ބޮޑު ޕްރޮޖެކްޓެއް އިންޑިޔާގެ އެހީގައި ކޮށްދިން ކަމަށްޓަކައި އިޚްލާސްތެރިކަމާއެކު އެ ގައުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި މަޝްރޫއު އިސްނަގައި ފެއްޓެވުމަކީވެސް ޝުކުރު ހައްގު މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ބާރު މިނުގައި ގޮސް މި މަސައްކަތް ނިންމާލެވުނީތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށްވެސް ޝުކުރު ހަައްގުކަން ފާހަގަ ކުރެއްވިއެވެ.
ފިރާގު ވިދާޅުވީ، އެކި މީހުންގެ ވިސްނުން ތަފާތުވި ނަމަވެސް، ޒަމާނީ ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހުޅުވިގެން ދިޔުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ތަޢުލީމާއި، ބޭސްފަރުވާގެ ޚިދުމަތްތަކަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން ހަނިމާދޫ އެއާޕޯޓު ހުޅުވިގެން ދިއުމަކީ ލާމަރުކަޒީ ނިޒާމަށްވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ފިރާގު ފާހަގަ ކުރެއްވިއެވެ.
ހަނިމާދޫ އެއާޕޯޓު ރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.






