އިންޑިއާގެ އެހީތެރިކަމާއެކު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރޭ ހުޅުވިގެންދިޔަ ހަނިމާދޫ އެއާޕޯޓު މީގެކުރިން ބަޔަކަށްވީ އިންޑިއާގެ މިލިޓަރީ މަރުކަޒަކަށް ކަމަށާއި އަދި "ދުއްޕާނަކަށް" ވެގެން "ރޯހިތު ފަހައިދުވީ" ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ގެނެސް ހުޅުވިގެންދިޔުމުން އެކަމަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާގައި އިމްރާން ވިދާޅުވީ، ތަރައްގީ ލާމަރުކަޒުކޮށް ރާއްޖޭގެ އުތުރުގައި އިގްތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް އުފެއްދުމަށް އެކުލަވާލި ބިޔަ މަޝްރޫޢުގެ އެއް ބޮޅަކީ ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ކަމަށެވެ.
"ބަޔަކަށް ދުއްޕާނަކަށް ވިޔަސް، ބޭރުގެ މިލިޓްރީ މަރުމަޒެކޭ ބުންޏަސް އަދި ރޯހިތު ފަހާދުވިޔަސް، އެއީ ރައީސް ނާސިރުގެ ވެރިކަމުގައި ހުޅުލޭ އެއާޕޯޓު ބިނާ ކުރެއްވުމުގެ ސަބަބުން ރާއްޖެއަށް އައި ކުރިއެރުން ފަދައިން ރާއްޖެއަށް، ވަކިން ޚާއްސަކޮށް ބޮޑު ތިލަދުންމަތީގެ ކުރިއެރުމާއި ތަރައްގީ އެތައް ގުނައެއް ކުރިއަށް ޖެހިލާނެ ގައުމީ ތަރިކައެއް." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓާއި އެއްފަދަ ނުވަތަ އެ އެއާޕޯޓާ ގާތްކުރާ ވަރުގެ އިގްތިސާދީ ވަސީލަތެއް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ގާބިލު ކަމެއް ރައީސް މުއިއްޒާއި އެމަނިކުފާނުގެ ޓީމަކު ނެތް ކަމަށެވެ.
"އަދި އެންމެ ބޮޑު ދެރަޔަކީ ހަނިމާދޫ އެއާޕޯޓުގެ ފުރިހަމަ މަންފާ ހޯދުމަށްޓަކައި ބޮޑު ތިލަދުންމަތީގެ ތަރައްގީގެ ކަންކަން އިތުރަށް ރާވައި ހިންގުމުގެ ފަންނުވެރިކަމާއި ކުޅަދާނަކަންވެސް މި ސަރުކާރުގައި ނެތްކަން." އިމްރާން ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ފެށި ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއު ނިމި، ރޭ އެއާޕޯޓު އަލުން ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.






