ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ގައުމަށް ޣައްދާރު ވެއްޖެ ކަމަށާއި، ރައީސް މުއިއްޒުގެ އުމުރުފުޅުގެ ފަހު ދުވަސްކޮޅު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ޖަލު ގޮޅީގައި ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1.5 ބިލިއަން ރުފިޔާއަށް ކުރެވޭނެ މަސައްކަތް، 2.7 ބިލިއަން ރުފިޔާ ބައްސަވާލެއްވުމަކީ ރައީސް މުއިއްޒު ގައުމަށް ޣައްދާރުވުން ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް މުއިއްޒާވެސް ގާނޫނު އަރާހަމަކުރާނެ ކަމަށެވެ.
"ރައީސް ޑރ.މުއިއްޒުއާ ޤާނޫނު އަރާ ހަމަކުރާނެކަމީ ޝައްކެތް އޮތްކަމެއް ނޫން. ރައީސް ޑރ. މުއިއްޒުގެ އުމުރުގެ ފަހު ދުވަސްތަށް ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ ޤައުމަށް ޤައްދާރުވި ކުށް ސާބިތުވެ ޖަލުގެ ކުޑަގޮޅީގައި." އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، ރައްޔިތުން ކަރަންޓު ބިލު ނުދެއްކި، ފެންބިލު ނުދެއްކި، ރަނގަޅު ބޯހިޔާވަހި ކަމެއް ނެތި، ދަރަނި ވެރިވެފައި ތިއްބައި "ކުރީގެ ސަރުކާރު" ކިޔާފައި ރައްޔިތުން މޫނުގައި ތެތް ގޯނި އަޅުވާފައި ބިޑަކާ ނުލައި ޕްރޮޖެކްޓުތަށް ބާހާލީ ހިތުހުރި ގޮތަކަށް ކަމަށެވެ.
"ރައީސް ޑރ މުއިއްޒުއާ ބައިވެރިން ދައުލަތް ލޫޓުވާލުން ބަލައި ނުގަވޭނެ." އައްބާސް ވިދާޅުވިއެވެ.
އައްބާސް އެ އިޝާރާތް ކުރެއްވީ ދާދިފަހުން އަމިއްލަ ކުންފުނި ތަކަކަށް 206 މަޝްރޫއެއް ހިންގުމަށް ހަވާލުކުރި ހަވާލު ކުރުމަށެވެ. ސަރުކާރާ ދެކޮޅު ފަރާތްތަކުން މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާއިރު، ސަރުކާރުން ބުނެފައި ވަނީ އެކަން ކޮށްފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.






