މަމްދާނީގެ ކާމިޔާބީއަކީ ނިއު ޔޯކުގެ ޑިމޮކްރަސީ އަނބުރާ އަލުން ހޯދުމާއި ފައިސާގެ ނުފޫޒަށް ނޫނެކޭ ބުނުން

މަމްދާނީގެ ކާމިޔާބީއަކީ ނިއު ޔޯކުގެ ޑިމޮކްރަސީ އަނބުރާ އަލުން ހޯދުމާއި ފައިސާގެ ނުފޫޒަށް ނޫނެކޭ ބުނުން

ނިއު ޔޯކުގައި ޒޮހްރާން މަމްދާނީގެ ފަހުގެ ކާމިޔާބީއަކީ ހަމައެކަނި ސިޔާސީ ކާމިޔާބީއެއް ކަމުގައި ދެކުމުގެ ބަދަލުގައި އެއީ މުއްސަނދި ހަދިޔާދޭ ފަރާތްތަކާއި ވެރިކަމުގެ ނުފޫޒުން ޑިމޮކްރަސީ އަނބުރާ ހޯދުމުގެ ރަމްޒީ ކާމިޔާބީއެއްގެ ގޮތުގޮތުގައި ދެކެންވީކަމަކެވެ. ބޮޑެތި މަހުޖަނުންގެ ފައިސާ ލިބިފައިވާ ކެންޑިޑޭޓުންނާއި ޕާޓީގެ އެެތެރޭގެ މީހުން ދިގު މުއްދަތަކަށް އިސްކޮށް ތިބި ނިއު ޔޯކްގައި، މަމްދާނީގެ ކާމިޔާބީއަކީ އެމެރިކާގެ ސިޔާސަތަށް އައި ބޮޑު އައިޑިއޮލޮޖީ ބަދަލެކެވެ. އެމެރިކާ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮގްރެސިވް ފިކުރުގެ މީހުން ފާހަގަކުރާ މި ކާމިޔާބީއަކީ، ފާޑުކިޔާ ފަރާތްތަކުން "ހަދިޔާދޭ ފަރާތްތަކުގެ ވެރިކަން" އާ ދެކޮޅު ހެދުމެވެ.

މަމްދާނީގެ ކެމްޕޭނުގައި އިސްކަންދީފައިވަނީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށާއި، ހިލޭ އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހުރިހާ ކުދިންނަށް ލިބޭ ޗައިލްޑްކެއާއަށާއި، ކުދި ވިޔަފާރިތަކަށެވެ. އޭނާގެ މެސެޖަކީ ސާދާ ނަމަވެސް ބާރުގަދަ މެސެޖެކެވެ. ސަރުކާރުން ހިދުމަތްކުރަންޖެހޭނީ އާންމު ރައްޔިތުންނަށް ކަމަށާއި މާލީ ވެރިންނަށް ނުވަތަ ސިޔާސީ އިސްވެރިންނަށް ނޫންކަމެވެ.

އަލްޖަޒީރާގައި ލިޔުއްވަމުން، ޒިޔާދު މޮޓާލާ މި ނަތީޖާ ބަޔާންކުރައްވާފައިވަނީ "ސިޔާސީ ވާސިލުވުން ހެޔޮކަމުގެ ގޮތުގައި އަދި ފައިސާ ގާބިލުކަމުގެ ގޮތުގައި ދެކުނު ވެރިކަމުގެ ނިޒާމަށް ދެވުނު އަހުލާގީ ރައްދެއް" ގެ ގޮތުގައެވެ. މި ޝުއޫރު ވޯޓުދޭ މީހުންނާއި ހާއްސަކޮށް އާންމު ޕާޓީ ސިޔާސަތާމެދު ހިތްހަމަނުޖެހުން އިތުރުވަމުންދާ ޒުވާން ޖީލުތަކާ ގުޅިފައިވެއެވެ. މޮޓާލާ ދެކޭގޮތުގައި، މަމްދާނީގެ ކާމިޔާބީއަކީ ހަމައެކަނި ސިޔާސީ ކާމިޔާބީއެއް ނޫނެވެ. އެއީ އަހުލާގީ ކާމިޔާބީއެކެވެ. ސޫލުތަކަށްވުރެ ހަދިޔާތަކަށް އިސްކަންދޭ ސަގާފަތަކާ ދެކޮޅަށް ކުރެވުނު އިންގިލާބެކެވެ.

މަމްދާނީގެ ކެމްޕޭންގެ މައިގަނޑު ކަމަކަށް ވެފައިވަނީ ހާއްސަކޮށް އިސްރާއީލާއި ފަލަސްތީނާ ގުޅޭގޮތުން ބޭރު ގައުމުތަކާ ގުޅޭ ސިޔާސަތުގައި އޭނާ ގެންގުޅުނު ނުޖެހޭ ސްޓޭންޑެވެ. އޭނާ، ގައްޒާއަށް އިސްރާއީލުން ކުރި ހަމަލާތައް "ނަސްލީ މަރުގެ" ގޮތުގައި ކުށްވެރިކޮށް، "ދާއިމީ ހަމަހަމަނޫންކަމުގެ މައްޗަށް ބިނާކޮށްފައިވާ" ޔަހޫދީ ދައުލަތެއްގެ ގޮތުގައި އިސްރާއީލް ބަލައިގަތުމަށް އިންކާރުކުރިއެވެ. އޭނާގެ އެ ވާހަކަތަކަށް އިސްރާއީލަށް ތާއީދުކުރާ ގްރޫޕްތަކާއި މެދުމިނުގެ ޑިމޮކްރެޓުންގެ ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް، އިންސާނީ ހައްގުތަކުގެ ޖަވާބުދާރީވުން ބޭނުންވާ ޒުވާން، ޕްރޮގްރެސިވް ބޭސްއެއްގެ ސަޕޯޓު މާމްދަނީއަށް ލިބިގެންދިޔައެވެ.

މަމްދާނީގެ ވާހަކަތަކާމެދު ސިޔާސީ ވެރިކަން ހިންގާ ފަރާތްތަކުގެ ހިތްހަމަނުޖެހުމުން ފާހަގަކޮށްދެނީ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި އުފެދެމުންދާ ބޮޑު ރެނދެކެވެ. އެތައްއަހަރުތަކެއް ވަންދެން، ޕާޓީގެ އިސް ފަރާތްތަކުން ވަނީ ޕްރޮގްރެސިވް އައިޑިއަލްސްއާއި ކޯޕަރޭޓް ހަދިޔާކުރާ ފަރާތްތަކާއި ބާރުގަދަ ލޮބީތަކުގެ މަސްލަޙަތު ބެލެންސްކޮށްފައެވެ. މަމްދާނީގެ ދެކޮޅުވެރިކަން، ސިޔާސަތާއި ރާގު ދެކަމުގައިވެސް، މި ބެލެންސް ޗެލެންޖްކޮށް، ޕާޓީގެ އައިޑިއޮލޮޖިކަލް ކޯގައި އަންނަ ފުންމިނުގެ ބަދަލެއް ދައްކުވައިދެއެވެ.

މާމްދަނީގެ ކާމިޔާބީއަކީ އެމެރިކާގެ އާބާދީ ބޮޑެތި ސަރަހައްދުތަކުގެ ސިޔާސީ މަޝްރަހައަށް އަންނަމުންދާ ފުޅާ ބަދަލެއްގެ ނިޝާނެކެވެ. މިލެނިއަލްސް އަދި ޖެންޒީން މައިގަނޑު ގޮތެއްގައި އެކުލެވޭ އާ ވޯޓުދޭ ފަރާތްތަކުން ބޭނުންވަނީ ސިޔާސީވެރިން ދިރިއުޅުމުގެ ހަރަދު، ސިސްޓަމެޓިކް ހަމަހަމަނޫންކަން، އަދި އާންމު އިތުބާރު ގެއްލިގެން ދިއުމުގެ މައްސަލަތަކަށް އެޑްރެސްކުރުމެވެ. މިއީ މަމްދާނީގެ ކެމްޕޭންގެ މައިގަނޑު ކަންތައްތަކެވެ.

ނަމަވެސް މާމްދަނީއަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކާއި، ހިލޭ ދަތުރުފަތުރުގެ ނިޒާމުތަކާއި، އަދި މުއްސަނދިންގެ އަތުން ނަގާ ޓެކްސް މެދުވެރިކޮށް ފައިސާ އަލުން ބެހުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މުއައްސަސާތަކުގެ ދެކޮޅުވެރިކަމާއި މާލީ ފަހަނައަޅައި ދިޔުމަކީ މާމްދަނީއަށް ފަސޭހަކަމަކަށްނުވާނެއެވެ. ނަމަވެސް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މަމްދާނީގެ އިންތިހާބުވުމުން ދައްކުވައިދެނީ ވޯޓުދޭ ފަރާތްތައް ހަރުދަނާ ހިޔާލުތަކަށް ތާއީދުކުރަން ތައްޔާރަށް ތިބިކަމެވެ. އެއީ އެ ހިޔާލުތަކުން މިހާރުގެ ޙާލަތަށް ގޮންޖަހާކަމުގައިވީނަމަވެސް މެއެވެ.

މި ހިތްވަރު ނިއުޔޯކުން ބޭރުގައި ދެމެހެއްޓޭނެކަން ކަށަވަރު ނޫނެވެ. ނަމަވެސް އެއްކަމެއް ސާފެވެ. އެއީ މަމްދާނީގެ ކާމިޔާބީއިން ސިޔާސަތާއި ފައިސާގެ އާދައިގެ ގުޅުން ހަލާކުކޮށްފައިވެއެވެ.

ކަންކަން އަތުރާލެވެމުންދާއިރު، މަމްދާނީގެ ކާމިޔާބީ ފާހަގަކުރެވެނީ ސިޔާސީ ބަދަލަކާއި އަހުލާގީ ބަދަލެއްގެ ގޮތުގައެވެ. ޑިމޮކްރަސީގެ މުސްތަގުބަލް ކަނޑައަޅަންވާނީ އިންސާނާގެ ޒަމީރުކަމާއި، ރައުސުލްމާލަކުން ނޫން ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *