ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވި ކޮރަޕްޝަނާއި ހިޔާނާތުގައި ބައިވެރިވެފައި ވާކަމަށް، ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި މުވައްޒަފުންގެ ލިސްޓާމެދު ހިޔްހަމަނުޖެހޭ ކަމަށް، އެ މައްސަލަ ބަލަން މާލިއްޔަތު ކޮމިޓީން ކަނޑައެޅި ސަބް ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ފެނައިގެ ކޮރަޕްޝަނާ ހިޔާނާތް ހިންގުުގައި ޝާމިލްވި މުވައްޒަފުން ކަމަށްބުނެ އެ ކުންފުނީގެ ހެޑް އޮފް ޑިޕާޓްމަންޓްގެ ގޮތުގައި ތިބި 13 މުވައްޒަފުންގެ މައުލޫމާތު ކޮމިޓީއަށް ފޮނުވާފައިވާ ކަަމަށެވެ.
ނަަމަވެސް އެކަމާބެހޭ ގޮތުން ފެނަކައިން ކޮމިޓީއަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވަނީ އެތަނުގައި ފައިނޭންސް އާއި ޕްރޮކިއުމެންޓާއި އިތުރު ސެކްޝަނެއްގެ ވާހަކަ ކަމަށާއި، ފެނަަކައިން އެންމެ ބޮޑަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް އޮޑިޓާރ ޖެނެރަލް ކޮމިޓީއާ ހިއްސާ ކުރެއްްވި ދަތުރު ފަތުރާބެހޭ ސެކްޝަން (ލޮޖިސްޓިކް ޑިޕާޓްމަންޓް)ގެ ވާހަކަ އޭގައި ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.
"ހިޔާނާތުގެ ވަރަށް ބޮޑު ބައެއްގައި ހިމެނޭ ދަތުރު ފަތުރުގެ ބައި. އޮޑިޓާ ޖެނެރަލް ކަނޑައެޅިގެން ވިދާޅުވި އެއް ލައްކަ ފަންސާސް ހާހަށް ކުރެވޭ ދަތުރުތައް އޮތީ ހަތަރު ލައްކައަށް ކޮށްފައޭ، އެހެން ބުނެފަ އޮތް އިރުގައި ލޮޖިސްޓިކް ޑިޕާޓްމަންޓްގެ ވާހަކައެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މުވައްޒަފުންގެ ލިސްޓް ފޮނުވިއިރު، ހިޔާނާތުގެ ތެރެއިން މުވައްޒަފު ޒިންމާ ވަނީ ކޮން ކަމަކާކަން އެ ލިސްޓުން އެނގެން ނެތް ކަމަށެވެ.
އޭގެ އިތުރުން އެކަންކަމުގައި ވަރަށްގިނަ ކޮންޓްރެކްޓް ސްޓާފުން ހިމެނޭ ކަމަށް އޮތްއިރު، އޭގެ ތެރެއިން ގިނަމީހުން މިހާރު އެކުންފުނީގައި ނެތް ކަމަށާއި އެއީވެސް ހުރި ކަންބޮޑުވުން ތަކެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މުވައްޒަފުންގެ ކަންތަކުގައި ފެނަކައިން ކޮމިޓީއާ މައުލޫމާތު ހިއްސާ ކޮށްފައިވަނީ މައްސަލައިގައި ކުރިއަށް ދެވޭގޮތައް ނޫން ކަމަށްވެސް ވިދާޅުވިއެވެ.






