ދެމެހެއްޓެނިވި ޓައުންޝިޕް ތަކެއް ތަރައްގީ ކުރެވޭ ގޮތަށް، ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވީ ބިލު ފާސް ނުކުރުމަށެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ވަނީ، ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމާ ގުޅޭގޮތުން ގާނޫނަށް ބާބެއް އިތުރު ކުރަން ހުށަހަޅައިފައެވެ.
ރާއްޖޭގެ ސިނާއީ، އިގުތިސާދީ، އިޖުތިމާއީ، މާލީ އަދި އުމްރާނީ ތަރައްގީއަށް މަގުފަހިކުރުމާއި، ރާއްޖެއަށް އަންނަ އިންވެސްޓްމަންޓުތައް އިތުރުކޮށް، ބޭރު ފައިސާ ލިބޭ މިންވަރު މަތިކުރުމުގެ އިތުރުން އިލްމާއި ހުނަރާއި ޓެކްނޮލޮޖީ ރާއްޖެއަށް ނަގުލުކުރުން، މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބިލުގައި، ގާނޫނުގެ 9 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ ފަހަތަށް އާ މާއްދާއެއް އިތުރުކުރުމާއި، 20 ވަނަ މާއްދާގެ (އ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، 22 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމާއި، 70 ވަނަ މާއްދާގެ ފަހަތަށް ބާބެއް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި 12 ވަނަ ނަންބަރު އިސްލާހުކުރުން ހިމެނެއެވެ.
ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްގީކުރުމުގެ ހާއްސަ ޝަރުތުތައް:
* ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމެންޓަކަށްވުން
* ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ޒޯނުގައި ގާއިމު ކުރުން
*.ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީކުރެވޭ ލާޖް ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމު ކުރުން
* ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނު ދޭ މަރުކަޒެއް ޒޯނުގައި ގާއިމު ކުރުން
* ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމު ކުރުން ޒޯނުގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖު ކުރުމަށް ގާއިމު ކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތް ތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށް ވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށްވުން
* ދިވެހިރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތި މަދުކޮށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމު ކުރުން
* ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުން ތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމު ކުރުން
ޒޯނުގައި ހިމެނޭ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީ ނެގޭ ޕްރޮޕަޓީ ޓްރާންސްފާ ޓެކްސް ނެގޭނެ ހާއްސަ ރޭޓްތަކެއްވެސް ބިލުގައި ވަނީ ކަނޑައަޅައިއިފައެވެ.
ޓައުންޝިޕްތައް ތަރައްގީކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތް ތަކެއްގެ ގޮތުގައި ޓެކްސްގެ ބޮޑެތި ލުއިތަކެއް ދިނުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްތައް ދައްކަން ނުޖެހުމާއި، ޒޯން ތަރައްގީކުރަން އެތެރެކުރާ މުދަލުން އިމްޕޯޓް ޑިއުޓީ އިސްތިސްނާ ކުރުން ހިމެނެއެވެ.
މީގެ އިތުރުން ޒޯނުގައި ހިންގާ ވިޔަފާރި ހަރަކާތް ތަކުގެ ވިޔަފާރީގެ އާމްދަނީން، ނަގާ ޓެކްސް ފުރަތަކަ 10 އަހަރަށް ފަސް ޕަސެންޓް، 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 ޕަސެންޓް އަދި 21 ވަނަ އަހަރުން ފެށިގެން ގާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްްސް ނެގުމަށް ވަނީ ހިމަނައިފައެވެ.






