ރާއްޖޭގައި މިޔަރު ހިފުމަށާއި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް މި މައްސަލައިގައި މަޖިލީހަށް ގަރާރެއް ހުށަހަޅާފައި މިވަނީ ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަދީ މިދިޔަ ހޮނިހިރު ދުވަހު އެކަމާބެހޭ ގަވާއިދު ސަރުކާރުން އާންމު ކުރުމާއި ގުޅިގެންނެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން އައްބާސް މިއަދު ވިދާޅުވީ، މިމަހުން ފެށިގެން ރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމާފައިވުމަކީ ރާއްޖެއަށް އިއާދަ ނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަަށެވެ.
ކަނޑުގެ ނިޒާމުގައި މިޔަރަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ މަހެއް ކަމާއި، ކަނޑުގެ އެހެން ދިރުންތައް ކޮންޓްރޯލްކޮށް، ކަނޑުގެ ސިއްހަތު ދެމެހެއްްޓުމަށް އެހީތެރިވާ "ކީސްޓޯން ސްޕީޝީޒް" އަކަށް ވާއިރު ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލައިފިނަމަ މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެންދާނެ ކަމަށާއި، މިޔަރު މަދުވުމަކީ އެހެން މަސްތަކުގެ އާބާދީ ތަކަށް ބަދަލު އައިސް ދިވެހި ކަނޑުތަކުގެ ދިރުން ތަކުގެ ހަމަޖެހުން ގެއްލި، ދިގު މުއްދަތަކަށް ރާއްޖޭގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެެގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބަޔަކީ ކަނޑުގެ ދިރުންތައް ދެކިލުމަށްކުރާ ޑައިވިން އާއި ސްނޯކްލިންއަށް ވެފައި، ހާއްސަކޮށް ތަފާތު ވައްތަރުގެ މިޔަރާއި، އެންމަޑި ފަދަ ބޮޑެތި ކަނޑުގެ ދިރުންތައް ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅު ތަކުން ފަތުރުވެރިން ރާއްޖެ އަންނަ ކަންވެސް ފާހަގަ ކުރެއްވިއެވެ.
"އެކި ދިރާސާ ތަކުން ދައްކާ ގޮތުގައި، ދިރޭ މިޔަރަކުން ފަތުރުވެރިކަމުގެ ސިނާއަތަށް ގެނެސްދޭ އިގްތިސާދީ މަންފާ މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުކަން ފާހަގަ ކުރެވިފައިވާއިރު، ކަށި މިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކޮށްފިނަމަ، މިޔަރުގެ އާބާދީ ދަށްވެ، ޓުރިޒަމަށް ބޮޑެތި ގެއްލުންތައް ލިބި، މިއީ ރާއްޖޭގެ އިގްތިސާދުގެ މައިބަދައަށް ލިބޭނެ ބޮޑު ގެއްލުމަކަށް ވާނެ،" އައްބާސް ވިދާޅުވި އެވެ.
މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި ރާއްޖެއިން މުޅި ދުނިޔެއަށް ދައްކާދީފައިވާ ނަމޫނާ އެ ގޮތުގައި ދެމެހެއްޓުމުގެ ބަދަލުގައި، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަކީ، ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަމަށްވެސް ބަދުނާމު ލިބިދާނެ ކަމެއް ކަމަށްވެސް އައްބާސް ވިދާޅުވިއެެވެ.
އަދި އެކަމަކީ ދުނިގޭ އެކި ޖަމްއިއްޔާތަކާއި ތިމާވެށި އެކްޓިވިސްޓުންގެ ފާޑުކިއުންތައް ރާއްޖެއަށް އަމާޒުވެ ރާއްޖޭގެ ބްރޭންޑަށް ގެއްލުން ލުބުމުގެ އިތުރުން، މިޔަރުގެ ބާވަތްތައް ހިމާޔަތް ކުރުމަށް ބައިނަލް އަގްވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއަށް އޮތް ޒިންމާތަކަށް އުނިކަން އައިސް ރާއްޖެ ބަދުނާމު ވާނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖޭގައި ފުރުސަތު ދިނުމަކީ ކުރު މުއްދަތުގެ އިގްތިސާދީ ކުޑަ މަންފާއެއް ލިބިދާނެ ކަމެއް ކަމަށްވިޔަސް، އެކަމުގެ ސަބަބުން ދިގު މުއްދަތެއްގެ ގެއްލުން ތިމާވެއްތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ ބައިނަލް އަގުވާމީ މަގާމަށް ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިގަރާރު މަޖިލީހަށް ބަލައި ގަތުމަށް ނެގި ވޯޓުގައި، މިއަދުގެ ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެެރއިން ގަރާރު ބަލައި ގަތުމަށް، އައްބާސް އާއި އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތުން 10 މެންބަރުންނެވެ. ނަމަވެސް ގަރާރު މަޖިލީހުން ބޭރުކޮށްލުމަށް ޕީއެންސީގެ 44 މެންބަރުން ވޯޓު ދެއްވިއެވެ.






