ސޫދާނުގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ ދުނިޔޭގެ އެންމެ މަރުގިނަ އަދި އެންމެ ނިކަމެތިކަން ލިބިފައިވާ ހަނގުރާމަތަކުގެ ތެރެއިން އެއް ހަނގުރާމައަށް މިވަނީވެފައެވެ.
2023 އޭޕްރިލް އިން ފެށިގެން ސޫދާނަށް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. މިއީ ޖެނެރަލް އަބްދުލް ފައްތާހު އަލް-ބުރްހާންގެ ލީޑާޝިޕްގެ ދަށުން ހިންގާ ސޫދާނުގެ ހަތިޔާރުއެޅި ބާރުތަކާއި (އެސްއޭއެފް) އަދި މުހައްމަދު ހަމްދާން ދަގަލޯ، ނުވަތަ ހެމެޓީ ކަމަށް މަޝްހޫރު، ކޮމާންޑްކުރާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ދެމެދު ހިނގި ހޫނުގަދަ ޒުވާބަކުން ފެށުނު ހަނގުރާމައެކެވެ.
އާރްއެސްއެފް އަކީ 2000 ގެ އަހަރުތަކުގައި ދާރްފާ ހަނގުރާމައިގައި އަނިޔާވެރިކަމަށް ޒިންމާވާންޖެހޭ ބަދުނާމު ޖަންޖަވީދް މިލިޝިއާގެ ތެރެއިން އުފެދުނު ބާރެކެވެ. މިލިޓަރީ އިންޓަގްރޭޝަން އާ ގުޅޭގޮތުން ހިޔާލު ތަފާތުވުމަކުން ފެށުނު މިކަން މިހާރު ވަނީ، ބަނޑަހައިހޫނުކަން، އަދި ބޭރުގެ ނުފޫޒު ހިމެނޭ ގައުމީ ފެންވަރުގެ ހަނގުރާމައަކަށް ބަދަލުވެފައެވެ.
ދިގު މުއްދަތެއްގައި ވެރިކަން ކުރި އުމަރު އަލް ބަޝީރު 2019 ގައި ވައްޓާލުމުގެ ސަބަބުން އެގައުމުގެ ހާލަތުވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައެވެ. ސިވިލް އަދި މިލިޓަރީ ފަރާތްތަކުން ބާރު ހިއްސާކުރަން މަސައްކަތްކުރި ނަމަވެސް، ބުރްހާންގެ ސިފައިންނާއި ހެމެޓީގެ އާރްއެސްއެފް ދައުލަތާއި ދައުލަތުގެ މުއްސަނދިކަން ކޮންޓްރޯލްކުރުމަށް ވާދަކުރަމުން ދިޔުމުގެ ސަބަބުން، ގުޅުން ގޯސްވަމުން ދިޔައެވެ. މި ދެ ބާރަށް އެއްބާރުލުންދޭ ސަރަހައްދީ ފަރާތްތަކާއި އިގްތިސޯދީ ނެޓްވޯކުތައް ހިމެނެއެވެ. ސޫދާނުގެ މުސްތަގުބަލާމެދު ތަފާތު ތަސައްވުރުތައް މި ދެ ބާރުން ގެންގުޅެއެވެ.
2021 އޮކްޓޯބަރުގައި، މިލިޓަރީން ފުރިހަމަ ބާރު ހިފައި، އުފެދިފައިވާ އާންމުގެ ނުވަތަ ރައްޔިތުންގެ ސަރުކާރު އުވާލިއެވެ. އެސްއޭއެފް އަދި އާރްއެސްއެފް ވަގުތީގޮތުން އެކުވި ނަމަވެސް، އާރްއެސްއެފް ގައުމީ ސިފައިންނާއި އެކުވެލުމުގެ ޕްލޭންތަކާ ގުޅިގެން އަވަހަށް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ބަދަލުވިއެވެ – މިއީ ހެމެޓީ އޭނާގެ މިނިވަންކަމަށް ނުރައްކަލެއްކަމަށް ދެކުނު ކަމެކެވެ. 2023 އޭޕްރިލްގައި، ހާޓޫމްގައި ހުޅުވާލެވިފައިވާ ހަނގުރާމައެއް ފެށި މުޅި ގައުމަށް އެ ހަނގުރާމަ ފެތުރިގެންދިޔައެވެ.
ސޫދާންގެ ހަނގުރާމައިގެ އަޑީގައިވާ ސަބަބުތައް
މި ހަނގުރާމައިގެ އަޑީގައިވާ ސަބަބުތަކުގެ ތެރޭގައި ސޫދާން މިލިޓަރީކުރުމުގެ ތާރީހު، އިގްތިސޯދީ ހަމަހަމަކަން ނެތުން، އަދި ވަސީލަތްތައް ހޯދުމުގެ ވާދަވެރިކަން ހިމެނެއެވެ. އާރްއެސްއެފްއިން ސޫދާންގެ ރަން ވިޔަފާރީގެ ބޮޑު ބައެއް އަދި ބޯޑަރުން މުދާ ވަގަށް އެތެރެކުރާ މަގުތައް ކޮންޓްރޯލްކުރާއިރު، އެސްއޭއެފް (ސޫދާން އާމްޑް ފޯސަސް) އިން ދައުލަތުގެ ރަސްމީ މުއައްސަސާތައް ކޮންޓްރޯލް ކުރެއެވެ. ހާއްސާކޮށް ޑާފާގައި ހުރި ނަސްލީ ހިތްހަމަނުޖެހުންތަކުން ހަނގުރާމަ އިތުރަށް ގަދަވެގެން ދިޔައެވެ.
ޓައިމްލައިން އަދި މުހިންމު ހާދިސާތައް
2023 އިން 2025 އަށް، ހަނގުރާމަ ބޮޑުތަން ގަދަވެގެން ދިޔައެވެ. އާރްއެސްއެފް އިން ސޫދާންގެ ހުޅަނގު އަދި ދެކުނުގެ ބޮޑު ބައެއް ހިފާފައިވާއިރު، އެސްއޭއެފް އިން އިރުމަތީ ސަރަޙައްދުތަކާއި ރެޑް ސީގެ ބަނދަރު ކަމަށްށްވާ ޕޯޓް ސޫދާން ހިފފަހައްޓައިފިއެވެ. ޑާފާގައި ހިނގި މަރުގެ އަމަލުތައް، ކަރުޓޫމްގައި ހިނގި ބޮމުގެ ހަމަލާތައް، އަދި ކަސާލާ އަދި ޕޯޓް ސޫދާންގައި ޑްރޯން ހަމަލާތަކުން ހަނގުރާމައިގެ އާ މަރުޙަލާތައް ފާހަގަކޮށްދެއެވެ. ހޮސްޕިސްޕިޓަލްތަކާއި، މާރުކޭޓްތަކާއި، އަދި ސްކޫލްތައް ހަލާކުކޮށް، އާންމު ރައްޔިތުން އެކި ތަންތަނުގައި ބަންދުވާން މަޖުބޫރުވިއެވެ. ހާލަތު ގޯސްވެ ބައިނަލްއަގުވާމީ އެހީ ދޭ ޖަމިއްޔާތަކަށް ސޫދާނުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔައެވެ.
2025 ގެ ކުރީކޮޅު، ސޫދާން ސަރުކާރުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި މައްސަލައެއް ހުށަހަޅައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާރްއެސްއެފްއަށް ހަތިޔާރު ދޫކޮށް، ޖެނެސައިޑް ނުވަތަ ގަތުލު އާންމު ހުއްޓުވުމުގެ މުއާހަދާއާ ހިލާފުވިކަމުގެ ތުހުމަތުކުރިއެވެ. ސެޓެލައިޓް ހެކިތަކާއި އަތުލެވުނު ހަތިޔާރުތަކުން އާރްއެސްއެފް، ޔޫއޭއީއިން ފޯރުކޮށްދިން އުޅަނދުތަކާއި ޑްރޯންތަކާ ގުޅުވާލާކަމަށް ބުނެވެއެވެ. – ދުބައި ބޮއިކޮޓް ކުރުމަށް ގޮވާލާ ހަރާކާތެއް ފެށިފައިވަނީ މި ސަަބަބާ ހެދިއެވެ.
ސޫދާން ހަނގުރާމައިގެ ސަބަބުން 2025 ގެ ފަހުކޮޅާ ހަމައަށް، މަދުވެގެން 150،000 މީހުން މަރުވެފައިވަ ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ވާސިލުނުވެވޭ ސަރަޙައްދު ގިނަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އެއަށްވުރެ ގިނަވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެެވެ. 11 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވެފައެވެ. މީގެ ތެރޭގައި ޗާޑް، މިޞްރު އަދި ދެކުނު ސޫދާނަށް ފިލައިގެން ދިޔަ މިލިއަނުން ގުނާ މީހުން ހިމެނެއެވެ. ސިޓީތައް ހަލާކުވެފައިވާއިތު ދާފޫރު އަދި ކޯޑޮފާންގައި ބަނޑުހައިހޫނުކަން ފެތުރި، އަދި ކޮލެރާއާއި މެލޭރިޔާ ފަދަ ބަލިތައްވަނީ އިތުރުވެފައެވެ.
އދ އާއި އިންސާނީ އެހީއަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން ސޫދާނަކީ ދުނިޔޭގެ އެންމެ ބޮޑު ހިޖުރަކުރުމާއި ބަނޑުހައިހޫނުކަމުގެ ހާލަތެއް މިވަގުތު އޮތް އެއްގައުމެކެވެ. ސޫދާނުގެ 45 މިލިއަން އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މިހާރުވަނީ އިންސާނީ އެހީއަށް ބަރޯސާވާން ޖެހިފައެވެ. އެހެންނަމަވެސް އެހީގެ ގާފިލާތައް ގިނަފަހަރަށް ވަގަށްނެގި ނުވަތަ ހަނގުރާމައިގެ ސަބަބުން ބްލޮކްކުރެވެއެވެ. ސޫދާނުގެ އިގްތިސޯދު ލަފާކުރެވޭ ގޮތުގައި 40 ޕަސެންޓަށް ވަނީ ދަށްވެފައެވެ. އަދި ސަރުކާރުގެ މުއައްސަސާތައް މަސައްކަތްކުރުންވަނީ ހުއްޓާލައިފައެވެ.
ޔޫއޭއީވަނީ މި ހަނގުރާމައިގައި މުހިންމު ބޭރުގެ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ. ސޫދާނީ އަދި ހުޅަނގުގެ މަސްދަރުތަކުން ބުނާގޮތުގައި، ޔޫއޭއީން ވަނީ އާރްއެސްއެފްއަށް ހަތިޔާރު، ފައިސާ، އަދި ލޮޖިސްޓިކް އެހީ ފޯރުކޮށްދީފައެވެ. ޔޫއޭއިން އެ ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް ޔޫއޭއީގެ މަގުސަދަކީ ބައެއް ސްޓްރެޓެޖިކް ކަންކަން – ޔޫއޭއީން ބޭނުންވަނީ ރަތް ކަނޑު ސަރަހައްދުގައި ނުފޫޒު ހޯދުމަށް، ސޫދާނުގެ ރަން (ގޯލްޑް މައިން) ލިބުމަށްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ޔޫއޭއީއަކީ ގިނަ އަހަރުތަކެއް ވަންދެން ސޫދާނުގެ ރަން އެކްސްޕޯޓްކުރާު މައި މަރުކަޒެއް ކަމުގައިވެފައި، އޭގެ ސަބަބުން އާރްއެސްއެފްގެ ހަނގުރާމައިގެ މަސައްކަތަށް ފައިސާ ލިބިފައިވާކަމަށް ބައެއް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
2025 މާރިޗު މަހު، ސޫދާނުގެ ސަރުކާރުން އައިސީޖޭގައި ރަސްމީ ޝަކުވާއެއް ހުށަހަޅައި، ޔޫއޭއީއިން ނަސްލު ހަަލާކުކުރުމަށް އެހީތެރިވެ އަދި ހަނގުރާމަ ދިގުލައިގެން ދިއުމަށް އެހީތެރިވާކަމަށް ތުހުމަތުކުރިއެވެ. އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކުގެ ރިޕޯޓުތަކުގައި އާރްއެސްއެފްގެ އަތުގައި ޔޫއޭއީއިން އުފައްދާފައިވާ ހަތިޔާރު އަޅާފައިވާ އުޅަނދުތަކާއި ޑްރޯންތައް ހުރިކަން ލިޔެކިޔުމުން ފެންނަން ހުރިކަމަށް ބުންޏެވެ. ތަހުލީލުކުރާ ފަރާތްތަކުން ބުނާގޮތުގައި ޔޫއޭއީން ހެމެޓީ ދެކެނީ ވާދަވެރި ގަލްފް ގައުމުތަކުގެ ނުފޫޒު ކުޑަކުރުމަށާއި އިރުމަތީ އެފްރިކާގައި އެ ގައުމުގެ ނުފޫޒު އިތުރުކުރުމަށް ބޭނުންތެރި ބައިވެރިއެއްގެ ގޮތުގައެވެ.
އެހެނިހެން ސަރަޙައްދީ ބާރުވެރި ގައުމުތަކުންވެސް މިކަމުގައި ބައިވެރިވެއެވެ. މިސްރު ސަޕޯޓްކުރަނީ ސޫދާން އާމްޑް ފޯސަސް (އެސްއޭއެފް) އަށެވެ. އެއީ އެ ގައުމުގެ ދެކުނު ސަރަޙައްދުގައި ހަމަނުޖެހުން އުފެދިދާނެކަމުގެ ބިރަށްޓަކައެވެ. ރަޝިޔާއިން ސޫދާނުގެ ރެޑް ސީ ބަނދަރުތަކާއި ރަން ލިބޭނެ މަގުތައް ހޯދަން މަސައްކަތްކޮށްފައިވާއިރު، ސައޫދީ ޢަރަބިއްޔާ އަދި އެމެރިކާއިން ސުލްހަވެރިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކާމިޔާބުނުވާ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މީގެ ނަތީޖާއަކީ ޕްރޮކްސީ ހަނގުރާމައެކެވެ. ސޫދާން ވަނީ ވާދަވެރި ބޭރުގެ އެޖެންޑާތަކުގެ ދެމެދުގައި ޖެހިފައެވެ.
މި ހަނގުރާމައިގެ ނުރައްކާތައް ސޫދާނަށްވުރެ ފުޅާވެގެންދެއެވެ. މިކަމުގެ ސަބަބުން ހޯން އޮފް އެފްރިކާގެ ހަމަޖެހުން ގެއްލި، ރެޑް ސީގެ ކަނޑުދަތުރުފަތުރަށް ހުރަސްއެޅި، އަދި ޔޫރަޕަށް އަލަށް ހިޖުރަކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެއެވެ. ހިޔުމަން ރައިޓްސް ޖަމިއްޔާތަކުން ވަނީ ދާފަރުގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާކަމަށް ބުނެފައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ސޫދާނަށް ދިމާވާނީ 2011 އަށްފަހު ލީބިޔާއަށް ދިމާވި ފަދައިން މުޅި ދައުލަތް ބައިބައިވެގެން ދިއުމުގެ ނުރައްކަލެވެ.
ސޫދާނުގައި މި ހަނގުރާމަ ހުއްޓުވުމަށް ހުޅަނގުގެ ގައުމުތަކުން މަސައްކަތް ނުކުރާކަމަށް ބުނެ ބައެއް މީހުން ދަނީ ފާޑު ކިޔަމުންނެވެ. ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިން އަދި ގާޒާގެ މައްސަލަތަކަށް އިސްކަންދީފައިވާއިރު، ސޫދާނުގެ އިންސާނީ ކާރިސާއަށް ބޭނުންވާ ފައިސާ އަދި މީޑިއާގެ ސަމާލުކަން ނުލިބެއެވެ. ތަފާތު ފިޔަވަޅުތައް އެޅުމާއި ހަތިޔާރު ވިއްކުން މަނާކުރުމަށް ގޮވާލި ނަމަވެސް، މިހާތަނަށް ހަތިޔާރު ފޯރުކޮށްދިނުމާއި ރަނުން ފައިނޭންސްކުރުން ހުއްޓުވުމަށް އެކަށީގެންވާ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
ސޫދާނުގެ ހަނގުރާމައަކީ މިހާރު ހަމައެކަނި އެ ގައުމުގެ ދާހިލީ ކަމެއް ނޫނެވެ. އެއީ ބާރުގެ ވާދަވެރިކަމާއި، ނަސްލީ ބައިބައިވުންތަކާއި، ސަރަހައްދީ ވާދަވެރިކަމުން ކުރިއަށްދާ ގިނަ ފަށަލަތަކެއް ހިމެނޭ ހިތާމަވެރި ހާދިސާއެކެވެ. ޖެނެރަލުންގެ މެދުގައި އުފެދުނު ހިލާފަކުން ފެށިގެން ދިޔަ މިކަން މިހާރު ވަނީ އިންސާނީ ބޮޑު ހިތާމައަކަށް އަދި ދުނިޔޭގެ ޖަވާބުދާރީވުމުގެ ޓެސްޓަކަށް ބަދަލުވެފައެވެ. އާރްއެސްއެފްއަށް ހަތިޔާރު ދިނުމުގައި ޔޫއޭއީގެ ދައުރުން ހާމަވަނީ ހަނގުރާމަ ދިގުދައްމަން ޔޫއޭއީން ބޭނުންވާ ކަމެވެ.
މި ހަނގުރާމައާ ގުޅިގެން ދުނިޔެއިން ވިސްނުންތެރިކަމާއެކު އަމަލުނުކުރާނަމަ ސޫދާނަށް ލިބިގެންދާނީ ބައިބައިވުމާއި، ބަނޑުހައިހޫނުކަމާއި، ނިމުމެއް ނެތް ހަނގުރާމައިގެ މުސްތަގުބަލެއްކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

								
								
											



