ނަޞްރުގެ ދުވަސް: ޝަހީދު ހުސައިން އާދަމްގެ ގުރުބާނީ ފަޑުނުވެ ދާއިމަށް ހުންނާނެ: ޝާހިދު 

ނަޞްރުގެ ދުވަސް: ޝަހީދު ހުސައިން އާދަމްގެ ގުރުބާނީ ފަޑުނުވެ ދާއިމަށް ހުންނާނެ: ޝާހިދު 

ޝަހިދު ހުސެއިން އާދަމްގެ ގުރުބާނީ ފަޑުނުވެ ދާއިމަށް ހުންނާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ނިރުބަވެރިންގެ ހަމަލާއިން ރާއްޖެ ދިފާއު ކުރުމުގައި ޝަހީދުވި ހުރިހާ އަބުތާލުންގެ މަތިވެރި ގުރުބާނީގެ ހަނދާން އާކުރައްވައި، އެ މުޖާހިދުންގެ ފުރާނަފުޅަށް ހެޔޮރަހުމަތް ލެއްވުން އެދި ދުއާކުރައްވާފައެވެ.

ހާއްސަ ގޮތެއްގައި ޝާހިދު ފާހަގަ ކުރެއްވީ، ނިރުބަވެރިން ރާއްޖޭގެ ސިފައިންގެ މަރުކަޒުގެ މައިގޭޓުން ވަނަނުދީ ދިފާއު ކުރެއްވުމުގައި ޝަހީދުވި ބަތަލު، ޝަހީދު ޙުސައިން އާދަމް ދެއްކެވި ސާބިތުކަމާއި ހިތްވަރެވެ. އަދި އެ މަތިވެރި ގުރުބާނީގެ ހަނދާން އަބަދުގެ އަބަދަށް ދިވެހި މިބިމުގައި ތަކުރާރުވެ ޒިކްރާ ވެވެމުންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ނޮވެމްބަރު 3 ގެ ބިރުވެރި ނާމާން ދުވަހު، ގައުމުގެ ދިފާއުގައި ހިތްވަރުގަދަ ދިވެހި ސިފައިން ސާބިތުކަމާއިއެކު ކުރެއްވި އަގުހުރި ޖިހާދުގެ ހަނދާން އާކުރައްވައި، ޝާހިދު ވަނީ އެމީހުންނަށް އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.

ހަމައެހެންމެ، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަ ކަމާއި، ހިތްވަރާއިއެކު ކުރެއްވި މަސައްކަތްތަކަށް ޝުކުރުވެރިވެ، ތައުރީފު ކުރައްވާފައި ވެއެވެ.

މީގެ އިތުރުން، އެދުވަހު ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެންމެ އެކުވެރި އަވަށްޓެރި އިންޑިޔާގެ ސަރުކާރުން ދެއްވި އަވަސް އިޖާބައަށާއި، ވެދެއްވި ދީލަތި އެހީތެރިކަމަށް، ޝާހިދު ވަނީ އިންޑިއާ ސަރުކާރަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *