ރާއްޖޭގެ ވެރިރަށް މާލެއަކީ ޒަމާނުއްސުރެ ހުރިހާ ދިވެހީންނަށް އޮތް ރަށެއް ކަމަށް ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއަކީ ޒަމާނުއްސުރެ ވަކި ބައެއްގެ ރަށެއް ނޫން ކަމަށާއި، އެކަން އެ މަނިކުފާނުގެ "ކިލާ މާލެ" ފޮތުގައި ވެސް ފާހަގަކުރައްވާފައިވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ، 1750 ވަނަ އަހަރުގެ މާލެއަށް ބަލާއިރު، ގިނައިން ދިރިއުޅެފައި ވަނީ ސަރަޙައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަން ފެންނަން އޮންނާނެ ކަމަށެވެ.
މިސާލެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ، މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިއާ ހަމައަށް އެއީ ކެލާ އޭދުރު ކަލޭފާނު ގޯތި ކަމަށެވެ. އަދި އައްޑޫ ސިއްކާގެ، މިހާރުގެ ސިއްކާގެއިން ފެށިގެން މާލޭގެ އުތުރު އަތިރިއާ ހަމައަށް ފެތުރިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެދުވަސްވަރު މާލޭގައި ކޮންމެ ރަށަކަށްހެން ގެއެއް ހުންނާނެ ކަމަށާއި، 1750 ގައި މާލޭގައި ގިނައީ ބަބުރުން، މަލަބާރު، ތުރުކީ އަދި މިބާވަތުގެ ސަރަޙައްދީ ރަށްރަށުގެ މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލޭގެ ބިން ދޫކުރުމަށް އެންމެ ރަނގަޅު ކަމަށް އަދިވެސް ފެންނަނީ "ވެށިފަހިމާލެ" (Decongested Male') ޕްރޮގްރާމްގެ ދަށުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މާލެ މީހުންނަށް ވެސް އެހެން ރަށްރަށުން ބިން ލިބޭ ގޮތްވުން ބޭނުންތެރި ކަމަށެވެ. މިފަދަ ޕްރޮގްރާމްތަކަކީ މާލޭގެ ބޮޑުވެފައިވާ އާބާދީގެ ދަތިކަން ކުޑަކޮށް، ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.






