ނޮވެންބަރު ތިނެއްގެ ހާދިސާގައި މެރުމަށް ހުކުމްކުރި މީހުން އުމުރަށް ޖަލަށްލީ ކީއްވެ؟

ނޮވެންބަރު ތިނެއްގެ ހާދިސާގައި މެރުމަށް ހުކުމްކުރި މީހުން އުމުރަށް ޖަލަށްލީ ކީއްވެ؟

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ކުށްވެރިވެގެން ދިވެހިރާއްޖޭގެ ހައިކޯޓުން މެރުމަށް ނިޔާ ކަނޑައެޅީ 16 މީހެއްގެ މައްޗަށެވެ. އެއީ ދިވެހީންގެ ހަތަރު މީހުންނާއި ޕްލޯޓް ޖަމާޢަތުގެ 12 މީހުންނެވެ. އޭރު ރާއްޖޭގައި ހުރި އެންމެ އިސް ކޯޓަކީ ހައިކޯޓެވެ. އޭރު އޮތް ނިޒާމުގައި ހައިކޯޓުން ނިންމާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އިލްމާސް ކުރެވެއެވެ. އެއީ އޭރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކުށްވެރިންނަށް ލިބިދީފައި އޮތް ޙައްޤެކެވެ. ހައިކޯޓުން މެރުމަށް ނިޔާ ކަނޑައެޅި ކުށްވެރިންގެ އަދަބު އުމުރަށް ޖަލަށްލުމަށް ބަދަލުކުރެއްވީ ކުށްވެރިން ކުރި އިލްތިމާސްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއެވެ.
އެ ރެއަކީ 1989 ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުގެ ރެއެވެ. ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކުށްވެރިން ނުމަރަން ނިންމެވި ސަބަބު ވަރަށް ސާފުކޮށް ވިދާޅުވިއެވެ. އޭގެކުރިން އެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖޭގެ ތާރީޚުގައި، އޭގެ މިސާލެއްވެސް ފެންނަން ނެތްފަދަ ނުރައްކާތެރި ޙަމަލާއެއް ކަމަށް ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ "އެދުވަހުގެ އެ ޢުދުވާނީ ހަމަލައިގައި، އެ ޣަދަރުވެރި ބާޣީންނަށް ކާމިޔާބުވިނަމަ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދިޔައީސްކަން ޔަޤީން" ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބާޣީންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމަކީ، އެމީހުން ކުރި ކުށުގެ ބޮޑުކަމާއި، ލިބުނު ގެއްލުންތަކަށް ބަލާއިރު، ޝަރުޢީ ގޮތުންނާއި ޤާނޫނީގޮތުން އެ މީހުންނަށް އެންމެ ޙައްޤު ޙުކުމެވެ. "މިކަން ގަބޫލުކުރައްވަނީ، ހިތުގެ އެންމެ އަޑިން" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުށްވެރިން ކުރި އިލްތިމާސްއާ ގުޅިގެން ރައީސް މައުމޫން ގެންދެވީ ވަރަށް ފުންކޮށް ވިސްނާ ވަޑައިގަންވަމުންނެވެ. އެކަމުގައި ހިމެނޭ ތަފާތު މައްސަލަތަކާމެދު ފިކުރުފުޅު ހިންގަވަމުންނެވެ. އޭރު އޮތް ނިޒާމުގައި ކުށްވެރިންނަށް ޢަފޫކުރުމާއި އަދަބު ލުއިކޮށްދިނުމުގެ ޙައްޤު ޤާނޫނުން ލިބިދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާތީއެވެ. ބަައިނަލް އަޤުވާމީ ދުނިޔެއާއި ރައްޔިތުންގެ އިހުސާސްތައް ހުރިގޮތެވެ. އެންމެފަހުން އެ މަނިކުފާނަށް ވިސްނިވަޑައިގެންނެވުނީ ތަފާތު ޝުޢޫރުތަކާއި، ތަފާތު ޚިޔާލުތައް ރައްޔިތުންގެ މެދުގައިހުރި ނަމަވެސް ހުރިހާ ރައްޔިތުންގެ ވެސް މަގުސަދަކީ އެއް މަގުސަދެއް ކަމެވެ. އެއީ ޤައުމުގެ މަޞްލަޙަތުާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުންކަމެވެ.
ރައީސް މައުމޫން، ކުށްވެރިންގެ މަރުގެ އަދަބު އުމުރަށް ޖަލަށްލުމުގެ އަދަބަށް ބަދަލުކޮށް ދެއްވި ސަބަބަކީ ކުރިން ދިވެހި ތާރީޚުގައި ސިޔާސީ ކުށެއްގެ އަދަބެއްގެ ގޮތުން، މެރުމުގެ އަދަބު ދީފައި ނެތުން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑު މިހެން މި ނިންމީ، ރާއްޖޭގެ ތާރީޚުގައި، މީގެކުރިން ދުވަހަކު ވެސް ހިނގާފައި ނެތް ކަމެއް، އާދެ، ސިޔާސީ ކުށެއްގެ ބަދަލުގައި، މީހުންނަށް މަރުގެ އަދަބު ދިނުން، އެއީ މިއަދުގެ ސަރުކާރުން ފަށްޓާ ކަމެއް ކަމުގައި ހަދަން އަޅުގަނޑަށް ނުފެންނާތީ. މި ލޭ އޮހޮރުވުމެއް ނެތް ދިވެހި ފަސްގަނޑަށް، ސިޔާސީ ކަމެއްގައި، އެންމެ ފުރަތަމަ، ސަރުކާރުގެ ފަރާތުން ލޭ އޮހޮރުވާ ބަޔަކީ، މި ޖީލުގެ ދިވެހިން ކަމުގައިވާން އަޅުގަނޑަށް ނުރުހެވޭތީ." ރައީސް މައުމޫން ވިދާޅުވިއެވެ.
ކުށްވެރީންގެ އިލްތިމާސް ގަބޫލުކުރެއްވުމަށް ނިންނެވިކަން އިޢުލާން ކުރެއްވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ "އަޅުގަނޑު އެދެނީ، އަޅުގަނޑުގެ މި ނިންމުމަކީ ޤައުމުގެ މަޞްލަޙަތަށް ޓަކައި، އިޚްލާޞްތެރިކަމާއެކު ނިންމި ނިންމުމެއް ކަމުގައި ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރެއްވުން." ކަމަށެވެ.
ރައީސް މައުމޫނު، މި ބޮޑު ނިންމެވުން ނިންމެވިއިރު ބައެއް ދިވެހިން އަދި ވަކީން ޚާއްޞަކޮށް ނޮވެންބަރު ތިނެއްގަައި ދުޝްމަނުންގެ ރަޙްމެއް ނެތް ޙަމަލާތަކުން ޝަހީދުވި ހިތްވަރުގަދަ މުޖާހިދުންގެ ޢާއިލާތަކުގެ މެންބަރުންގެ ހިތުގައި ކެކިއުތުރި އަރަމުންދާނެ ޝުޢޫރުތައް ވަޒަންކުރައްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ އެ ވަގުތަކީ، ވަކިބައެއްގެ އިޙްސާސްތަކުގެ މައްޗަށް ކަންތައް ނިންމަންވީ ވަގުތެއް ނޫންކަމަށާއި އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ވިސްނަންވީ ޤައުމުގެ މަޞްލަޙަތަށް ކަމަށެވެ.
ނޯޓު: މި ލިޔުމަކީ އެމްއެންޑީއެފްގެ ކޮމާންޑު ސާޖެންޓް އަބްދުﷲ ސާއިދު އޭނާގެ ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެކެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *