ފުލުހުންގެ ޖޮއިންޓް އިންވެސްޓިގޭޝަންތައް ދެ މަސްތެރޭ ހަރުދަނާ ކުރަން މިނިސްޓަރަށް އަންގައިފި

ފުލުހުންގެ ޖޮއިންޓް އިންވެސްޓިގޭޝަންތައް ދެ މަސްތެރޭ ހަރުދަނާ ކުރަން މިނިސްޓަރަށް އަންގައިފި

ފުލުހުންގެ ޖޮއިންޓް އިންވެސްޓިގޭޝަންތައް 60 ދުވަހުގެ ތެރޭގައި ހަރުދަނާކޮށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅަން ހޯމް މިނިސްޓްރީގެ މައްޗަށް އަންގާ އެންގުމެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް ރާއްޖެ އެތެެރެކުރި މައްސަލަ އާއި އެގްޒޮޓިކް އެންޓަޕްރައިޒަސް ކުންފުނިން ގެނައި ސިނގިރޭޓްތަކެއް ބޮންޑެޑް ވެއާހައުސްގައި ހުއްޓާ ވަގަށް ބޭރު ކުރި މައްސަލަ 241 ކޮމިޓީން ތަހުގީގު ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހިމަނައިގެންނެވެ.

މި މައްސަލަތައް ކޮމިޓީން ތަހުގީގު ކުރަމުން ދިޔައިރު ފުލުންގެ ޖޮއިންޓް އިންވެސްޓިގޭޝަން ލަސްވުމާއި މޯޑީވްސް ކަސްޓަމްސްގެ މައްސަލަތަކެއް ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންނާއި ތަހުގީގީ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުމުގެ ސަބަބުން ތަހުގީގުތައް ދިގުލައިގެންގޮސް، އެކަށީގެންވާ އަވަސްމިނެއްގައި، އުހުމަތު ކުރެވޭ ފަރާތްތަކަށް ފިޔަވަޅު ނޭޅި ލަސްވެގެންދާ ކަމަށް ކޮމިޓީއަށް ލިބިފައިވާ މައުލުމާތުތަކުން ފާހަގަވާ ކަމަށެވެ.

އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ މާލީ ގެއްލުންތަކާއި، އެނޫންވެސް ގެއްލުންތައް ލިބެމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

އެހެންކަމުން ފުލުހުންގެ ޖޮއިންޓް އިންވެސްޓިގޭޝަން ތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށްޓަަކައި، ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، 60 ދުވަސްތެރޭގައި އެކަން ކޮމިޓީއަށް ހުށަހަޅަން ހޯމްލޭންޓް މިނިސްޓްރީއަށް އެ ރިޕޯޓްގައި ވަންނީ އަންގައިފައެވެ.

ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި އެ މުއައްސަސާ ޖަވާބުދާރީ ކުރުވުމަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، ނިޒާމުތައް އެކުލަވާލުމާއި، އެކަންކަމާގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ހޯމްލޭންޑް މިނިސްޓަރުގެ މަސްއޫލިއްޔަތެއް ކަަމަށްވެސް ރިޕޯޓްގައި ވެއެވެ.

އެހެންކަމުން އެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރުމަށް މިހާރު އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް މުރާޖައާކޮށް، އެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަން ރޭވިފައިވާ ގޮތާއި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ މުއްދަތު ހިމެނޭހެން ޓައިމްލައިންއެއް ތައްޔާރުކޮށް ކޮމިޓީއަށް ހުށަހަޅަންވެސް އެ ރިޕޯޓްގައި ވަނީ އަންގައިފައެވެ.

ހޯމްލޭންޑް މިނިސްޓްރީއަށް މިކަންކަން އެންގީ ފުލުހުންނާއި ކަސްޓަމްސްގެ ބެލެނިވެރި ފަރާތަކީ އެ މިނިސްޓްރީ ކަމަށް ވާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *