ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދިއްދޫގައި އޮތް ރަސްމިއްޔާތުގައި، އަދިވެސް ގައުމަށް ޚިދުމަތް ކުރެއްވުމުގެ ތާސައްވުރާއެކު، ދެއްކެވީ ވާހަކަފުޅަށް އިޙްތިރާމް ކުރައްވާ ކަމަށާއި، އެކަން ބަލައިގަންނަވާ ކަމަށް ވިޔަފާރިވެރިޔާ، އޮނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވި، ހުރިހާ ބޭފުޅުންވެސް ގައުމީ މައްސަލަ ތަކަށް ހައްލެއް ހޯދައިދިނުމާއި، އަމިއްލަ ޖަޒުބާތުގައި އެހެން ފަރާތް ތަކަށް ހަމަލާތަށް އިތުރަށް ނުދެއްވައި، އެބޭފުޅުންގެ ކިބައިގައިވާ އަގުހުރި ތަޖުރިބާތައް ހިއްސާ ކުރުމަށް ފޯކަސް ކުރުން މުހިންމު ކަމަށެވެ.
ފިރާގު ވިދާޅުވީ ރޭ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅު އޭނާއަށް ފެނިވަޑައިގަތީ އެފަދަ ބެލެންސް ވާހަކަފުޅެއްގެ ގޮތުގައި ކަމަށެވެ.
"ކުރީގެ ރައީސުންގެ ތެރެއިން ރައީސް ޔާމީނުގެ ރޭގެ ތަގުރީރު އަޅުގަނޑު ހަގީގަތުގައިވެސް ފާހަގަ ކުރަމެވެ. ހާއްސަކޮށް މިއަދުގެ ސިޔާސީ މަސްރަހުގައި މިފަދަ ބެލެންސް އެއް ފެނުމަކީ މުހިންމު ކަމެކެވެ." ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، "ސިޔާސީ ހަމަލާތައް" ތަޙައްމަލު ކުރައްވައި، ޖަލުގައި އަހަރު ތަކެއް ހޭދަކުރައްވައި، އަދިވެސް ޚިދުމަތް ކުރުމުގެ ތަޞައްވުރާއެކު ޤައުމަށް ޚިދުމަތް ކުރައްވަމުން މަސައްކަތް ކުރަން ރައީސް ޔާމީން ނިންމެވުން ބަލައިގަންނަ ކަމަށެވެ.
"މިނިންމުމަށް އަޅުގަނޑު ވަރަށް ބޮޑަށް އަމިއްލަ ހައިސިއްޔަތުން އިޙްތިރާމް ކުރަން." ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކެތްތެރިކަމާއި، ޙިކުމަތާއި، ކޮމިޓްމަންޓަކީ ހުރިހާ ލީޑަރުންނާއި ރައްޔިތުންނަށް ނަމޫނާއެއް ކަމުގައި ދައްކައި، ގޮންޖެހުން ތަކުން މައްޗަށް ތެދުވެ، އަދިވެސް ޤައުމުގެ ރަނގަޅު ކަމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ރައީސް ޔާމީން ރޭ ދެއްކި ވާހަކަފުޅާއި ގުޅުވައި ފިރާގު ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައިތިބި، ތައުލީމީ ގޮތުން އެއްވެސް މިންވަރެއް ނެތް ސިޔާސީ ބޮޓުން ތަކެއް ކުރިއަށް އޮތް ހަފްތާތަކުގައި އުޅޭނީ ރައީސް ޔާމީން ރޭ ދެއްކެވި ވާހަކަފުޅަށް ސޯޝަލް މީޑިއާގައި ރައްދު ދިނުމުގައި ކަމަށެވެ.






