ވަގަށް އެތެރެ ކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ހުކުރު ދުވަހު ހައްޔަރު ކުރި ތިން މީހުނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންކަން "ވަން" އަށް އެނގިއްޖެއެވެ.
ފަހުން ހައްޔަރު ކުރި ތިން މީހުން
* އަހްމަދު ޝަހީމް (42އ)، ނޫރަލީގެ / ހދ.ވައިކަރަދޫ
* ހުސައިން ސާމިހު (35އ)، ޗާނދަނީގެ / ސ. ހިތަދޫ
* އަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު 7 ދުވަހަށް ބަންދު ކުރުމަށް އަދި ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން މީހުންނަކީވެސް ސިނގިރޭޓް ކޮންޓެއިނަރުތައް ގެއްލުނު ހުޅުމާލެ ޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އަދި އެމީހުން މިހާރު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށްވެސް ވެއެވެ.
ސިނގިރޭޓް ވައްކަމާއި ގުޅިގެން ފަހުން ހައްޔަރު ކުރި ތިން މީހުންނާ އެ މައްސަލައާ ގުޅޭ ސީދާ ސަބަބެއް ފުލުހުން އަދި ބުނެފައެއް ނުވެއެވެ. އެ ތިން މީހުންނާއެކު އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 9 އަކަށް އަރައިފައެވެ.
އެ މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެ ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން މިމަހުގެ 22 ގައި ބުނެފައިވަނީ ދެ ކޮންޓެއިނަރުގެ ބައިތައް މިހާރު ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސް ކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ދިގަލި ވަހީދާއެކު ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފާއި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާރ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލުގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާރ ސުޕްރިޑެންޓެއް ކަމަށްވާ އަދި މިހާރު މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މިހާރު ސަސްޕެންޑު ކޮށްފައިވާ މުއާޒު އަލީއެވެ.
އޭގެ ފަހުން ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ) އާއި ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު (54އ) އެވެ.
ވަގަށް ނަގާފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.






