ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާވެސް ދައުލަތުގައި މިހާރު ނެތް ކަމަށާއި، ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅެނީ އެހެންވެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ރޭ ވިދާޅުވީ، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން މިހާރު ހޯދަންއުޅޭ 2.5 ބިލިއަން ރުފިޔާ ނުލިބިއްޖެނަމަ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތްވެސް ދައުލަތުގައި ނެތް ކަމަށެވެ.
ޔާމީން ވިދާޅުވީ، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން ހޯދާ ފައިސާއަކީ އަމިއްލަ ކުންފުނި ތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދައްކަން ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް އެ ވާހަކަ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"މުސާރަ ދޭނެ ލާރިވެސް ނެތީ. ކުރެވޭނެ އެއްވެސް ކަމެއް ނެތީމަ ހަމަ އެކަމަށް، ހަމަ އެކަމަށް މިވަގުތުން މިވަގުތަށް އޮތް ހައްލަކީ މިއީ ކަމަށް ވާތީ މިކަން މި ކޮށްލަނީ." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، އަމިއްލަ ކުންފުނި ތަކަށް ފައިސާ ދޭނެ ވާހަކަ ސަރުކާރުން ދައްކަނީ ފައިސާ ޗާޕު ކުރަން އުޅޭތީ ސަރުކާރަށް ކުރިމަތިވި ޕްރެޝަރު އޮއްބާލަން ކަމަށެވެ.
"ކޮންޓްރެކްޓަރުންނަށް ދަންކަންޖެހޭ ފައިސާ ދައްކާށޭ ކިޔާފަކާއެއް 2.5 ބިލިއަން. ޗާޕު ކޮށްގެންނެއް އެޔަކުންނެއް ނުވާނެ. އެ ނުވޭ ހުވަނދަކަށްވެސް. އަޅުގަނޑު ދެންމެ މި ދެންނެވީ ބައެއް ހިސާބުތައް ހުރި ގޮތް އިނގޭތޯ. އެހެންވީމަ އެކަމެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން މިފަދައިން ވިދާޅުވިއިރު، ޕެންޝަނުގައި ހުރި ފައިސާ ހޯދަން އެމްއެމްއޭއާއެކު ވާހަކަ ދައްކައި، ޕެންޝަން ބޯޑުންވެސް އެގޮތަށް ނިންމުމާއި ގުޅިގެން ބޯޑުގެ ބަޔެއް މެމްބަރުންވެސް ވަނީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ބޯޑުން އިސްތިއުފާ ދެއްވާފައެވެ.






