ކުރީގެ ސަރުކާރުން ގޯސް ކަމެއް ކޮށްފައި އޮތުމަކީ، މި ސަރުކާރުންވެސް އެފަދަ ކަމެއް ކުރުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ކުރު ޕޯސްޓު އަމާޒު ކުރައްވާފައި ވަނީ ސީދާ ކޮންކަމަކަށް ޔަގީންނުވި ނަމަވެސް، މި ވަގުތަކީ އެމްއެމްއޭ އާއި ޕެންޝަން އޮފީހާދެމެދު 2.5 ބިލިއަން ރުފިޔާގެ ފައިސާ ޗާޕު ކުރުމުގެ މުއާމަލާތްތަކެއް ކުރެވެމުންދާ ކަމަކަށްވާތީ، އެ ވާހަކަ ވަރަށް ބޮޑަށް ފެންމަތިވެ ބޮޑެތި ފާޑު ކިޔުންތަކެއް ސަރުކާރަށް ކުރިމަތިވަމުން އަންނަ ވަގުތެކެވެ. އެހެންކަމުން މިއީ އެކަމަށް އިޝާރާތް ކުރައްވައި ނުސީދާކޮށް ސަރުކާރަށް ނަޝީދު ދެއްވި ރައްދެއް ކަމަށްވެދާނެއެވެ.
"ނިމިދިޔަ ވެރިކަމުގަ ނުރަނގަޅު ކަމެއް ހިންގިފައި އޮތުމަކީ، މި ވެރިކަމުގައިވެސް އަދި ދެން އަންނަ ވެރިކަމެއްގައިވެސް ހަމަ އެކަން އެގޮތަށް ކުރާން އޮތް ހުއްޖަތެއްނޫން" ނަޝީދުގެ ކުރު ޕޯސްޓުގައި ވިދާޅުވިއެވެ.
ނަޝީދުގެ ރައްދެއް ސަރުކާރަށް އައިއިރު 2.5 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭތީ އެކަމާމެދު ހިތްހަމަނުޖެހި ޕެންޝަން ބޯޑުގެ މެމްބަރަކުވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ.