ކޮރަޕްޓް ސިޔާސީ ފަރާތްތައް އެކަހެރިކޮށް، ޒުވާން އާ ޖީލެއްގެ ލީޑަރުން އުފެއްދުމަށް ފުރުޞަތު ދޭންޖެހޭ ކަމަށާއި، އެގޮތުން ދެން އޮންނަ އިންތިޚާބެއްގައި ޒުވާނުންގެ ބާރު ފެނިގެންދާނެ ކަމަށް ވިޔަފާރިވެރިޔާ، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަމާބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބިނާކުރަނިވި ގޮތަކަށް ވާހަކަ ދައްކަވަމުން ގެންދަވާތީ ގިނަ ބަޔެއްގެ މެދުގައި މަގުބޫލުކަން ހޯއްދަވަމުން އަންނަ ފިރާގު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް މަގަކީ، މުސްކުޅި، ކޮރަޕްޓް ސިޔާސީ ފަރާތްތަށް އެކަހެރިކޮށް، އާ ޖީލެއްގެ ލީޑަރުން އުފެދުމަށް ފުރުސަތު ދިނުން ކަމަށެވެ.
ފިރާގު ވިދާޅުވީ، ސިޔާސީ މާބޮޑު ތަޖުރިބާ ނެތް ނަމަވެސް، ކޮރަޕްޝަނުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ތާޒާ، ހަކަތަވެރި، އަދި ވަފާތެރި ޒުވާނުންނަށް ތެދުވެރިކަމާއި، އާ އުފެއްދުންތަކާއި، ސާފު ވެރިކަމެއްގެ އާ ތަސައްވުރެއް ގެނެސްދެވި ވުޖޫދު ވުމަށްޓަކައި އެ ފުރުޞަތު ދޭންޖެހިފައިވާ ކަމަށެވެ.
"މިވަގުތު ގިނަ ސިޔާސީ ބޭފުޅުން އެކަކު އަނެކަކާ ގުޅިފައިވަނީ ފޮރުވިފައިވާ ދިގު ދިއުޅިއަކުންނެވެ. ޒާތީ މަސްލަހަތުތަކާއި، ގައުމު ކުރިއަށް ނުދެވޭނެ މުސްކުޅި އިއްތިހާދު ތަކުން ބަނދެވިފައި. އެ ދިއުޅިތައް ކަނޑައި، އަމިއްލަ ފައިދާއަށްވުރެ ގައުމު އިސްކުރާ މިނިވަން، އިޚްލާސްތެރި، އަދި ބުރަ މަސައްކަތުގެ ފަރުދުންނަށް ދޮރު ހުޅުވާލަންވީއެވެ." ފިރާގު ވިދާޅުވިއެވެ.
ފިރާގު އިތުރަށް ވިދާޅުވި ގޮތުގައި، ޒުވާނުންގެ ފުރިހަމަ ބާރު ދެން އޮންނަ އިންތިޚާބެއްގައި ބޭނުން ކުރާނެއެވެ.
"ދެން އޮންނަ އިންތިހާބާއެކު ޒުވާނުންގެ ބާރު ފެނިގެންދާނެ. އަދި ނިސްބަތުގެ މިންވަރު ބޮޑު ތަނުން ކުރިހޯދޭނެއެވެ. އެމީހުންގެ ވޯޓާއި އަޑުން ހަގީގީ ބަދަލެއް ގެނެވޭނެ ނަޒާހަތްތެރިކަމާއި އެއްބައިވަންތަކަމާއި ރަނގަޅު ކުރިއެރުމަކަށް އުންމީދު ކޮށްގެންނެވެ." އޭނާ ވިދާޅުވިއެވެ.