ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ބޮޑުވަޒީރު ހޮވިވަޑައިގެންނެވި ފުރަތަމަ އަންހެން ބޮޑުވަޒީރު، ޓަކައިޗީ ސަނޭއަށް، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމަށް ޓަކައިޗީ ހޮވިވަޑައިގަތުމާއި ގުޅިގެން، އެ ކަމަނާއަށް ޓެގް ކުރައްވައި ޝާހިދު އެކްސްގައި ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި އަލަށް އައްޔަން ކުރެއްވި ބޮޑުވަޒީރުގެ ލީޑަރޝިޕްގެ ދަށުން ރާއްޖެ އާއި ޖަޕާނުގެ ގުޅުން މިހާރަށްވުރެވެސް ފުރިހަމަ ވެގެންދާނެ ކަމަށާއި، ދެ ގައުމުގެ ގުޅުން އާ އުސްމިން ތަކަކަށް އުފުލިގެންދާނެ ކަމުގެ ޔަގީން އެމަނިކުފާނަށް އެބައޮތް ކަމަށްވެސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީީގެ ރައީސް ކަމުގައިވެސް މިވަގުތު ހުންނެވި ޝާހިދު ވިދާޅުވިއެވެ.

ޖަޕާނާއި ރާއްޖެއަކީ ޒަމާންވީ ދެ ރަޙްމަތްތެރިންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޚާރިޖީ ވަޒީރު ކަމުގައި ހުންނަވައިގެންވެސް އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެންވެސް ޝާހިދު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެމަނިކުފާނު ވަނީ އޭރު ޖަޕާނަށް ވަޑައިގެން އެ ގައުމުގެ އޭރުގެ ބޮޑުވަޒީރާއި ސަރުކާރުގެ އެހެންވެސް އިސްބޭފުޅުންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ.