ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ ގައުމެއްގެ ވެރިއަކު ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގުތަކެއް ހުރަސް ކުރައްވާފައިވާ ކަމަށާއި، އެހެންވެ ސިޔާސީ ޕާޓީތަކާއި، އާންމުން އެކުގައި ނުކުމެ، ރައީސް މުއިއްޒު އަނބުރާ ރޮނގުން އެތެރެއަށް ވައްދަން ޖެހިފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ، ރައީސް މުއިއްޒު އަލުން އަނބުރާ ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހޭނެއެވެ. އެހެންނޫނީ އޮތް ގޮތަކީ އެނބުރި އަމިއްލަ ގެކޮޅަށް ވަޑައިގަތުމެވެ.
އިމްރާން ވިދާޅުވީ، ދައުލަތް ހިންގުމުގެ މުޅި ނިޒާމު ޚަރާބުކޮށް އޮޅުން ބޮޅުން ކޮށްލައިފި ކަމަށާއި، އެކަން ފެށުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރުން ތަޅުއެޅުވޭ ގޮތަށް ފާސްކުރި ގާނޫނާއި ހަމައިން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން ތަޅު އެޅުވުމަށްފަހު، ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތައްވެސް ޚަރާބު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އިމްރާން ވަނީ ރިޔާސީ ދައުރު ދަންމާލުމުގެ ވިސްނުން ދޫކޮށްލުމަށް ރައީސް މުއިއްޒަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރަސްމާލެ ހިއްކުމުގެ ވިސްނުންވެސް ދޫކޮށްލުމަށް އިމްރާން ގޮވާލެއްވިއެވެ. ރައީސް މުއިއްޒަށް ރައްޔިތުން ވޯޓުދިނީ، ގާނޫނީ ވެރިކަމެއް ކުރުމަށް ކަމަށާއި، ނަމަވެސް ގާނޫނީ ވެރިކަމެއް ރާއްޖޭގައި ހިންގުމުގެ ފުރުޞަތު ރައީސް މުއިއްޒު ނުދެއްވާކަން އިމްރާން ފާހަގަ ކުރެއްވިއެވެ.
"އަމިއްލަ ރަސްކަމަކަށް ދިވެހި ގައުމު ހައްދަވަން ބޭނުންފުޅު ވާނަމަ، އެ ޖާގައެއް ރައްޔިތުން ނުދޭނެ. އަޅުގަނޑުމެން އެ ޖާގަ ދޭކަށް ނެތިން،" އިމްރާން ވިދާޅުވިއެވެ.





