ރާއްޖޭގެ ސިއްޙީ ނިޒާމް ރަނގަޅުކޮށް، ރައްޔިތުންނަށް ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ދިނުމަށް އޮތް ޙައްލަކީ މާލެ ސަރަހައްދުގައި ބޮޑެތި ހޮސްޕިޓަލްތައް އެޅުން ނޫން ކަމަށާއި، އެ ކަމަށް އޮތް ޙައްލަކީ އަތޮޅު ތެރޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކެއް ހުރުން ކަމުގައި ވިދާޅުވެ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސިއްޙީ ދާއިރާމެދު ކަންބޮޑުވުން އޮއްސާލައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ރާއްޖެއިން ބޭރުން ސިއްޙީ ފަރުވާ ހޯދަންދާ މީހުންގެ އަދަދު މަދުވެ، ރާއްޖޭގެ އެކި ރަށްރަށުން ސިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އަންނަ މީހުންގެ އަދަދު މަދުވެގެންދާނީވެސް އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށްގެންނެވެ.
އައްބާސް ވިދާޅުވީ، ސިއްޙީ ޚިދުމަތް ހޯދާ މީހުންގެ މެޖޯރިޓީއަކީ ރާއްޖޭގެ ރަށްރަށުން މާލެ އައިސް ޚިދުމަތް ހޯދާ މީހުން ކަމަށާއި، ނަމަވެސް މާލެ އައިސް އެ ޚިދުމަތް ހޯދުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.
"ރާއްޖޭގެ ސިއްޙީ ނިޒާމަށް އޮތް ޙައްލަކީ މާލޭގައި ބޮޑެތި ހޮސްޕިޓަލް ހެދުމެއްނޫން. އަދި އައިޖީއެމްއެޗް ބޮޑުކޮށް ބިޔަކޮށް، އެތަނަށް ގިނަ ޑޮކްޓަރުންތަކެއް ލުމެއްވެސްނޫން. ކޮންމެ އަތޮޅެއްގައި ޒަމާނީ ފެންވަރުގެ ވަރުގަދަ ހޮސްޕިޓަލެއް ނުހެދޭކަމަށް ވަންޏާމު، ދައުލަތުގެ މާލީ ތަނަވަސްކަމުގެ ތެރެއިން ހަތަރު އަތޮޅަށް އެއް ހޮސްޕިޓަލް ގާއިމްކޮށްގެންވިޔަސް ރާއްޖެތެރޭގެ ރައްޔިތުން ބޭސް ފަރުވާއަށް ސަލާންޖަހަން މިތެޅޭ ތެޅުން، އެ ނާށިގަނޑު ހިފައިގެން އެއުޅޭ އުޅުން ނިމުމަކަށް އަންނަންޖެހޭ އިއްޒަތްރެރި ރައީސް" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، މިހާރު އޮންނަ ގޮތުން އާސަންދައަށްވެސް ވަރަށް ބުރަބޮޑެވެ. އައްބާސް ވަނީ އާސަންދަ އާއި އެންސްޕާގެ ޚިދުމަތްވެސް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގޮވާލައްވާފައެވެ. އަދި އާސަންދަ އާއި އެންސްޕާގެ އެހީގައި ހުރިހާ ޚިދުމަތެއް މިވަގުތު ފޯރުކޮށްދޭ ހަމައެކަނި ހޮސްޕިޓަލަކީ އައިޖީއެމްއެޗްކަން ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދެމުންދާ ޚިދުމަތްތައް ވަރަށް ބޮޑުކަން ފާހަގަ ކުރެވޭ ކަމަށެވެ.
އާސަންދަ އާއި އެންސްޕާގެ އެހީ ރާއްޖެއިން ބޭރުން ލިބެނީ، ރާއްޖެއިން ފަރުވާ ނުދެވޭ ކަންކަމަށް އޮތް އޮތުމަށް އިޝާރާތް ކުރައްވައި އައްބާސް ވިދާޅުވީ، އެ ގޮތަށް އުސޫލު އޮތްނަމަވެސް، ބަޔެއް ފަހަރު ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ކުރަންޖެހޭ އޮޕަރޭޝަންތަކަށްވުރެ، ދެކޮޅު ޓިކެޓް ނަގައިގެންގޮސް އިންޑިއާ ނުވަތަ ލަންކާއިން އޮޕަރޭޝަން ކުރުންވެސް ބަޔެއް ފަހަރު އަގުހެޔޮ ވެފައި އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖެއިން ފަރުވާ ހޯދޭތީ ރާއްޖެއިން ބޭރުން ބޭސް ކުރެވޭނެ ފުރުޞަތު ނުދީ ހުރި ބަޔެއް ކަންކަމުގައި ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ހަޔެއްކަ ލައްކަ ރުފިޔާއަށް ކޮށްފައިވާ އޮޕަރޭޝަންތައް ރާއްޖެއިން ބޭރުން ހަތަރު ވަރަކަށް ލައްކައަށް ކުރެވޭކަންވެސް ފާހަގަ ކުރެއްވިއެވެ.
އެގޮތަށް ކުރުމުން ދައުލަތަށް ދެލައްކައެއްހާ ރުފިޔާ ގެއްލުންވާކަން ފާހަގަ ކުރައްވައި އައްބާސް ގޮވާލެއްވީ އާސަންދަ އާއި އެންސްޕާގެ ޚިދުމަތްތައް ފޯރުކޮށްދޭ އުސޫލުތައް ހަރުދަނާކޮށް އިތުރަށް ރަނގަޅު ކުރުމަށެވެ.





