ފައިސާ ހޯދާނެ ގޮތެއް ނޭނގި ސަރުކާރު ގޮތް ހުސްވެއްޖެ، 2.5 ބިލިއަން ޗާޕުކޮށްފިނަމަ އަނެއްކާވެސް ތަކެތީގެ އަގު ބޮޑުވާނެ: އެމްޑީޕީ

ފައިސާ ހޯދާނެ ގޮތެއް ނޭނގި ސަރުކާރު ގޮތް ހުސްވެއްޖެ، 2.5 ބިލިއަން ޗާޕުކޮށްފިނަމަ އަނެއްކާވެސް ތަކެތީގެ އަގު ބޮޑުވާނެ: އެމްޑީޕީ

ގާނޫނާ ޚިލާފަށްް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން 2.5 މިލިޔަން ރުފިޔާ ޗާޕްކުރަން ތައްޔާރުވަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފައިސާ ޗާޕު ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެއް ކަމަށެވެ.

"ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި، ލޯނު ނެގުމާއި ފައިސާ ޗާޕު ކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ކަންކަން ނުކޮށް ފައިސާ ހޯދަން އެނގިވަޑައިގަންނަވާ ކަމަށާއި، މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީީން ބުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާގާބިލު ކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި އަދި އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަންދުވެ، ސަރުކާރު ކުންފުނިތަކާއި ބޭންކް ތަކުން އިތުރަށް ނަގާނެ ފައިސާ ނެތުމުން 2.5 ބިލިއަން ރުފިޔާ ޗާޕު ކުރުމަށްފަހު ޕެންޝަން ފަންޑު މެދުވެރިކޮށްގެން ސަރުކާރަށް އެ ފައިސާ ނެގުމަށް ނިންމާފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ބިލިއަނުން ސަރުކާރަށް ފައިސާ ހޯދަން އަލަށް މި ފަށާ މަސައްކަތަކީ ނުރައްކާތެރިކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މިއީ މިހައިތަނަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމުގައި ގެންގުޅެމުން އައި ހުރިހައި ހަމަތަކެއް މުގުރައިލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ، ކުރުވަމުންދާ މަސައްކަތެކެވެ.،" ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑު-19 ގެ ކުއްލި ވަބާއާއެކު، ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ޓޫރިސްޓުން އައުން މުޅިން ހުއްޓި، ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ދަށަށް ދިޔައިރުވެސް ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭހާއި ބޭސްފަދަ ޒަރޫރީ ތަކެތި ލިބުން ހުއްޓުމަކަށް ނާންނާނެކަން ސަރުކާރުން ކަށަވަރުކުވި ކަމަށެވެ.

"މި ދެންނެވި ކަންކަމުގެ ހަރަދުތައް ހަމަޖައްސަން ޖެހުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އެޑްވާންސްކޮށް ފައިސާ ނަގައިގެންނެވެ. އެއީ، ޤާނޫނުގައި ބަޔާންކޮށްފައިވާ، ޤުދުރަތީ ކާރިސާއެއް މެދުވެރިވުން އަދި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުން، މި ދެ ހާލަތު އެއްފަހަރާ ކުރިމަތިވެފައިވާތީ، އެ ގޮތަށް ފައިސާ ނެގުމަށް ޤާނޫނުން ލިބޭ ފުރުސަތުގެ ތެރެއިން، ޒިންމާދާރުކަމާއެކު އެޅި ފިޔަވަޅެކެވެ. މި ގޮތުން ނެގި ފައިސާ ހަރަދު ކޮށްފައިވަނީ، މުޅި ރާއްޖޭގެ އާބާދީއަށް ބޭނުންވާ އަސާސީ ތަކެއްޗާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުމަށާއި، ގައުމުގެ އެތެރޭގެ އިގްތިސާދުގެ ދިރުން ދެމެހެއްޓުމަށް އިސްކަންދީގެންނެވެ.،" އެމްޑީޕީން ބުންޏެވެ.

ނަމަވެސް، މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓަރ  އޮފް ފިނޭންސް ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކަމަށްވެސް ބުނެފައިވެއެވެ.

މި ކަމަކީ، މީގެ ދެމަސް ދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާނުކުރި މަނިޓަރީ ޕޮލިސީއާވެސް ކަނޑައެޅިގެން ހިލާފަށްކުރާ ކަމަށާއި އެހެންކަމުން، މިއީ ހަރުދަނާ ސިޔާސަތެއް އަދި އެއްވެސް ފަރުވާލެއް ނެތި ކުރާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިތުރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް އިންތިހާއަށް އުފުލޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން ރަސްމީ ނިޒާމުތައް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ފައިސާ ޗާޕު ކުރުން ހުއްޓާލުމަށް އެމްޑީޕީގެ ބަޔާނުގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *