އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން ނަގަން ހަމަޖެހިފައިވާ ޚިޔާލު ހޯދުމުގެ ވޯޓަށް ރ-ރަޖިސްޓްރީ ވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފައިވާއިރު، އެ މުއްދަތު މިއަދު ހަވީރު 6 ޖެހުމާއެކު ބަންދުވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލާ ފަރާތްތަކުން ރީ-ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިއަދު ހަވީރު ހަޔެއް ޖެހުމާއި ހަމައަށެވެ. ރީ-ރަޖިސްޓްރީ ވުމުގެ ފުރުޞަތު އިލެކްޝަނުން އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އޭރު ދިނީ އެންމެ ދުވަހެކެވެ.
މި ވޯޓު ނެގުމުގައިގައި ރަޖިސްޓަރީ ވާންޖެހޭ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން، ވޯޓުލާން ރަޖިސްޓަރީ ކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށެވެ. އެގޮތުން ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މި ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) (ނުވަތަ 'މައި ޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. ރީ-ރަޖިސްޓްރީވާން ހުޅުވާލި މުއްދަތުގައި ވޯޓުލާން ބޭނުންވާ ތަން ބަދަލުނުކުރާ ފަރާތްތަކުން ވޯޓުލާންޖެހޭނީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމީހަކު ވޯޓުލީ ރަށެއްގައެވެ.
އިލެކްޝަނުން ބުނީ، ހުޅުމާލެ އަދި ވިލިމާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް މާލެއަށް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އައްޑޫ ހުޅުދޫ އާއި މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮންނާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.